މީލާދީން 1970 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހެވެ. ސޫރިއާގެ ވައިގެ އަސްކަރިއްޔާއަށް ހިދުމަތް ކުރަމުން ދިޔަ ޒުވާން އޮފިސަރު، ވަރުގަދަ ބަގާވާތެއް ފެށިއެވެ. އެއީ، 1946 ވަނަ އަހަރު ފަރަންސޭސިންގެ މުށުތެރެއިން ސޫރިއާއަށް މިނިވަން ލިބުނު ފަހުން އަދާ ޖެހުނު އިރުވެސް އެ ގައުމުގައި ކުރި އެންމެ ފަހު ކުރި އަސްކަރީ ބަގާވާތެވެ.

އޭގެ 50 އަހަރު ފަހެވެ. ސޫރިއާގެ ކޮންޓްރޯލް އަދިވެސް އޮތީ ހާފިޒު އަސަދުގެ މުށުތެރޭގައެވެ.

އެތައް އަހަރަކަށް ދިގުލާ ގޮސްފައި ވާ ދާހިލީ ހަނގުރާމައިގެ ސަބަބުން މުޅި ގައުމު އޮތީ ސުންނާފަތި ވެފައެވެ. ބައި މިލިއަން މީހުން މަރުވެއްޖެއެވެ. އާބާދީގެ ދެބައިކުޅަ އެއް ބައި މީހުންނަކީ ގެދޮރު ގެއްލިފައި ވާ މީހުންނެވެ. އިގުތިސޯދު އިނދަޖެހިއްޖެއެވެ. ސަރުކާރުގެ ކޮންޓްރޯލް ގެ ދަށުން ބައެއް ސަރަހައްދުތައް ވީއްލިފައި އޮތް ނަމަވެސް، ހާފިޒު އަސަދުގެ ދަރިކަލުން، ބައްޝާރު އަލް އަސަދު، ގެންދަވަނީ ބާކީ އޮތް ބިންކޮޅުގައި އިންތިހާ ވަރުގަދަ ވެރިކަމެއް ކުރައްވަމުންނެވެ.

ސޫރިޔާގެ ރައީސް ކަމުގެ މަގާމާ، އުމުރުން އެންމެ 34 އަހަރުގައި ބައްޝާރު އަލް-އަސަދު ހަވާލުވީ 2000 ވަނަ އަހަރު/ފޮޓޯ: ރޮއިޓާޒް

ބައްޝާރުގެ ވެރިކަމުގެ ދެބައިކުޅަ އެއްބައި ހާ މުއްދަތު ހޭދަވެގެން މިދަނީ ހަނގުރާމައިގެ ތެރޭގައެވެ. ހާފިޒު ސައީދުގެ ވެރިކަމާ ހިސާބެއްގެ ތަފާތުތަކެއް ހުއްޓެއް ކަމަކު، އުކުޅުތައް ދެބައިފަންނަށްވެސް އާންމެވެ. އިދިކޮޅު ފިކުރުގެ އަޑު ކަނޑުވާލުމާ އިންތިހާ ލޭ އޮހުރުވުންތައް އާންމެވެ.

ކިއުބާގެ ކާސްޓްރޯ އާއި އުތުރު ކޮރެއާގެ ކިމް ހާންދާނު ފަދައިން، ސޫރިއާގައި އޮތީ އަސަދުގެ އާއިލާއެވެ. އިރެއްގައި ކުރިއަރާ ދިޔަ ސޫރިއާ އަކީ މިއަދު ފުނޑުފުނޑުވެފައި އޮތް ގައުމެކެވެ. ފެއިލްވެފައި ވާ ގައުމެކެވެ. ދުނިޔޭގެ ޗާޓުން ހަނދާން ނެތިކޮށްލެވިފައިވާ ގައުމެކަށް ވެއްޖެއެވެ.

ޒަމާނީ އިސްލާހީ ބަދަލުތަކެއްގެ ލީޑަރެއްގެ ގޮތުގައި ބައްޝާރު ސިފަކުރެވުނެވެ. ތަމްރީނު ހޯއްދަވައިގެން ހުންނެވި ލޮލުގެ ޑޮކްޓަރެކެވެ. ސިޔާސީ ބަހުސްތަކަށް ޕޯޑިއަމްތައް ތަނަވަސްކޮށްދެއްވި ލީޑަރެކެވެ. އިސާހިތަކު މަސްރަހު ބަދަލުވެއްޖެއެވެ. ބައްޕާފުޅުގެ ފޮތުން އިޖުރާއަތުތައް ތަންފީޒު ކުރެއްވުމަށް ބައްޝާރަށްވެސް މަޖުބޫރުވި ފަދައެވެ. އެއީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގެ ހަމަލާއާ ހިސާބުންނެވެ.

ސޫރިއާއާއި އިސްރާއީލު ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި އޮންނަ ގޯލާންގެ އުސްބިންތަކުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހަރަކާތްތެރިވަނީ/ފޮޓޯ: އީޕީއޭ

2003 ވަނަ އަހަރު އެމެރިކާ ސިފައިން އިރާގަށް އެރުމާ ބައްޝާރު ދެކޮޅެވެ. ސޫރިއާގެ ފަސްގަނޑުން ބޭރުގެ ހަނގުރާމަވެރިން އިރާގަށް އެރުމަށް މަގު ތަނަވަސްކޮށްދެއްވީ ބައްޝާރެވެ. ލުބްނާނުގެ މަގުބޫލު ލީޑަރު ރަފީގު ހަރީރީ އަވާހަރަކޮށްލުމުގެ ފަހަތުގައި އޮތީ ސޫރިއާ ކަމަށް ލުބްނާނުން ތުހުމަތު ކުރަން ފެށުމާއެކު، ލުބްނާން ދޫކޮށްލެއްވުމަށް ބައްޝާރަށް މަޖުބޫރުވިއެވެ. ނަމަވެސް ހިޒްބުއްލޯއާ ގުޅުންތައް ބަދަހި ކުރެއްވިއެވެ.

ބައެއް މީހުން ބުނާ ގޮތުގައި، ހާފިޒު އަސަދުގެ ނަމުގެ ގަދަރާއި ޝަރަފު، ބައްޝާރަށް ވެރިކަން ނުލިބުނު ނަމަ މާ މަތިވީހެވެ.

ބައްޕާފުޅު ފަދައިން އާއިލީ ބާރު ގަދަކުރެއްވިއެވެ. ނަމަވެސް، އެއީ އަރަބި ބަހާރުގެ މުޒާހަރާތަކުގެ ފެށުމާ ހިސާބަށެވެ. އެއީ 2011 ވަނަ އަހަރުގެ މާޗް މަހެވެ. ބައްޝާރާ ދެކޮޅަށް ސޫރިއާގެ ދަރިވަރުންތަކެއް ނިކުތެވެ. އެއީ ސޫރިއާގެ ދާހިލީ ހަނގުރާމައިގެ ފެށުމެވެ. އަދާ ޖެހުނުއިރުވެސް ނިމުމެއް ނައި ހަނގުރާމައެކެވެ. ވެރިކަމުގައި އަދިވެސް ހުންނެވީ އަސަދެވެ. ބައްޝާރު އަލް-އަސަދެވެ.