މަޝްހޫރު ސާޗް އިންޖިން، ގޫގްލްއިން ދޫކޮށްފައިވާ އަންލިމިޓެޑް ފޮޓޯ ސްޓޯރޭޖަށް ނިމުން ގެނެސްފިއެވެ.

ގޫގްލް ފޮޓޯޒްގައި ފޮޓޯ ރައްކާ ކުރުމުގައި ހައްދެއް ނެތް ގޮތަށް މީގެ ކުރިން އޮތް އޮތުން ނިމުމަކަށް ގެނެސްފައި ވާއިރު، މިކަމުގެ އަސަރު، ޖީމެއިލް ފަދަ، ގޫގްލްގެ އެހެން ޕްރޮޑަކްޓްތަކަށްވެސް ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ހައްދެއް ނެތް މިންވަރަށް ނުވަތަ އަންލިމިޓަޑް ސްޓޯރޭޖް ކެޕޭސިޓީއާއެކު ގޫގްލްއިން ގޫގްލް ފޮޓޯޒް ތައާރަފު ކުރީ 2015 ވަނަ އަހަރުއެވެ. އޭރު ވައުދުވީވެސް ލިމިޓެއް ނޯންނާނެ ކަމަށެވެ.

އޭރު އެކަން އެހެން އޮތް ނަމަވެސް، ގޫގްލް ފޮޓޯޒްއާ އެކުގައި ހިއްސާކުރާ ޖީމެއިލް އަދި ގޫގްލްޑްރައިވްއަށް، ކޮންމެ އެކައުންޓަކަށްވެސް މިހާރު ލިބޭނީ 15 ޖީބީގެ ސްޓޯރޭޖު ސްޕޭސް ކަމަށް ގޫގްލް އިން ބުނެއެވެ. އެއަށްވުރެ އިތުރަށް ރައްކާ ކުރަން ބޭނުން ނަމަ ދެން ޖެހޭނީ، ޖާގަ ގަންނާށެވެ.

ގޫގްލްގެ ނިންމުމަށް ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ. އަންލިމިޓަޑް ހިދުމަތެއްގެ ގޮތުގައި ވައުދުވެގެން ދޭން ފެށީ ހިދުމަތަށް ގިނަ ބަޔަކު ބަރޯސާ ކުރުވުމަށްފަހު، ސްޓޯރޭޖު ވިއްކަން ނިންމުމުން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި އެއީ ބާޒާރުގައި އިނދަޖެހެމުން ދިޔަ ގޫގްލްގެ ވިޔަފާރި ނެގެހެއްޓުމަށް ރޭވި ނުބައި ރޭވުމެއް ކަމަށްވެސް ބަޔަކު ސިފަކުރެއެވެ.

މި ބަދަލު ތަންޒީފު ކުރަން ފަށާނީ 2021 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެހާ ތަނާ ޖެހެންދެން އަޕްލޯޑް ކުރާ ފޮޓޯޓައް، ލިމިޓްގެ ތެރޭގައި ނުގުނާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ގޫގްލްއިން ބުނާ ގޮތުގައި ކޮންމެ ހަފުތާއަކުވެސް މުޅިން އަލަށް 28 ބިލިއަން ފޮޓޯގަނޑު، ގޫގްލް ފޮޓޯޒްއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަޕްލޯޑް ކުރެއެވެ. އަދި ވިޔަފާރި އުސޫލުން ސްޓޯރޭޖު ދޫކުރުމަށް ނިންމީ، މިކަން އިތުރަށް ފުޅާ ކުރުމަށް ކަމަށް ގޫގްލްއިން ވަކާލާތު ކުރެއެވެ.