ހިޖުރަވެރިން ގޮވައިގެން، ލީބިއާގެ ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި، 74 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް، ހިޖުރަވެރިންނާ ބެހޭ އދގެ އިދާރާ (އައިއޯއެމް) އިން ހާމަ ކޮށްފިއެވެ.
އައިއޯއިމް އިން މައުލޫމާތު ދޭ ގޮތުގައި، މި ހިތާމަވެރި ހާދިސާ ހިނގިއިރު، 120 މީހަކު އެ ޑިންގީގައި ތިއްބެވެ. ލީބިއާގެ ކޯސްޓްގާޑާއި، މަސްވެރިންގެ މަސައްކަތުން، 47 މީހަކު، ސަލާމަތްކޮށް، އެއްގަމަށް އަރުވާފައި ވާ ކަމަށް، އައިއޯއިމްއިން ބުނެއެވެ.
މި ހާދިސާއަކީ، ސެންޓްރަލް މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދުގައި، އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހަށް ފަހު ހިނގި، މިފަދަ 8 ވަނަ ހާދިސާއެވެ.
އައޯއެމްއިން ލީބިއާގައި ހިންގާ މިޝަންގެ އިސްވެރިޔާ ފެދެރީކޯ ސޫދާ ވިދާލުވީ، މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދުގައި ފުރާނަ ގެއްލިދިއުމުގެ ހިތާމަވެރި ހާދިސާތައް ހިނގަމުން ދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، ކޮންމެހެން ބޭނުން ޖެހިފައިވާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ހަރުދަނާ ކުރުމަށް، ދައުލަތްތަކުން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވުން ކަމަށެވެ. މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދަކީ، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ރޫޓަށް ބަލާއިރު، އެންމެ ނުރައްކާ އެއް ކަނޑު އޮޅިކަން ފާހަގަ ކުރަން ޖެހެއެވެ.
ސާޗް އެންޑް ރެސްކިއު ހިދުމަތް، ހިލޭ ސާބަހަށް ފޯރުކޮށްދިނުމަށް، މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދުގައި މިހާރު ހަރަކާތްތެރި ވަނީ، "އޯޕަން އާމްސް" ގެ ނަމުގައި ހިންގާ ޖަމިއްޔާއަކުން އެކަންޏެވެ.
އދގެ އިދާރާއިން ހަބަރު ދޭ ގޮތުގައި، ރެސްކިއު އޮޕަރޭޝަންތަކުގެ ދުވެލި ލަސްވުމުގެ ސަބަބުން، މި އަހަރުގެ މިހާތަނަށް 900 އެއްހާ މީހުންގެ ފުރާނަ ވަނީ، މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދުގައި ގެއްލިފައެވެ. އަދި އިތުރު 11000 މީހަކު އަނބުރާ ލީބިއާއަށް ގޮސްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ލީބިއާއަކީ މިފަދަ ހިޖުރަވެރިން ދިއުން ރައްކާތެރި މަންޒިލެއް ނޫން ކަމަށް އައިއޯއެމްއިން ތަކުރާރުކޮށް ބުނެއެވެ. އެހެނީ، ލާއިންސާނީ ގޮޅިތަކުގައި ހިޖުރަވެރިން ބަންދު ކުރުމާ، ހިޖުރަވެރިންގެ ވަގުފާރި ކުރުމާ، އެކި ގޮތް ގޮތުން ހިޖުރަވެރިންގެ ނާޖާއިޒު ފައިދާ ނެގުމަކީ ލީބިއާއަށް އާންމު ކަމަކަށް ވުމެވެ.
ގިނަ އަދަދެއްގެ ހިޖުރެވެރިން މެޑިޓަރޭނިއަން ކަނޑު ހުރަސް ކުރަން މަސައްކަތް ކުރަނީ، ވިލާތަށް އެތެރެވުމުގެ ނިޔަތުގައެވެ.