ޗައިނާގެ އިދާރީ ދާއިރާއެއްގެ ގޮތުގައި ހިންގަމުން އަންނަ ހޮންގްކޮންގްގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ތެރެއިން، ޑިމޮކްރަސީއަށް ތާއީދު ކުރައްވާ ހުރިހާ މެމްބަރުން، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ހޮންގްކޮންގްގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕްރޯ-ޑިމޮކްރަސީ މެމްބަރުން މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ، އެ މެމްބަރުންނާ އެކުގައި މަސައްކަތް ކުރައްވަމުން ގެންދެވި އެފަދަ އިތުރު 4 މެމްބަރަކު، ގަދަ ބާރުން، މަގާމުން ދުރުކުރުމާ ގުޅިގެންނެވެ.

ބުދަ ދުވަހު ޗައިނާއިން ވަނީ، ގައުމީ ސަލާމަތަށް ނުރައްކާ ވާ ކަމަށް ފެނިއްޖެ ހިނދެއްގައި، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުން ދުރުކުރުމުގެ ބާރު، ސިޓީ ސަރުކާރަށް ލިބިދޭ ގޮތަށް ގަރާރެއް ފާސްކޮށްފައެވެ. މި ގަރާރުގައި ވާ ގޮތުން، ހޮންގްކޮންގްގެ މިނިވަން ކަމަށް ވަކާލާތު ކުރުމާ، ޗައިނާގެ އިސްތިގުލާލީ ބާރަށް އިންކާރު ކުރުމާ، ބޭރުގެ ބާރުތަކުން މިކަމުގެ ތެރެއަށް ވަނުމަށް ހިތްވަރުދޭ މެމްބަރުނަކީ މަގާމަށް ކުފޫ ހަމަވާ ބައެއް ނޫނެވެ. އެހެން އިބާރަތަކުން ދަންނަވަނީ ނަމަ، އެ މެމްބަރަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެކެވެ.

ހޮންގްކޮންގްގެ ގާނޫނު ހަދާ މަޖިލީހުގައި ތިއްބެވި އިދިކޮޅު ފިކުރުގެ ގިނަ އަދަދެއްގެ މެމްބަރުން މަގާމުން އިސްތިއުފާ ދެއްވިއިރުވެސް އެ މަޖިލީހަކީ މިހާރުވެސް ބެއިޖީންގް ސަރުކާރަށް ބުރަވާ އަގުލަބިއްޔަތު އޮތް މަޖިލީހެކެވެ. ގަދަ ބާރުން 4 މެމްބަރަކު ވަކި ކުރުމަކީ، ހޮންގްކޮންގްގެ މިނިވަންކަމަށް އެޅި ހުރަހެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

އިނގިރޭސި އިސްތިއުމާރުގެ ދަށުގައި އޮތް ހޮންގްކޮންގް ޗައިނާއާ ހަވާލުކުރީ، "އެއް ގައުމެއް، 2 ނިޒާމެއް" މި ފަލްސަފާގެ ދަށުންނެވެ. މިއާއެކު، ޗައިނާގެ މައި ސަރުކާރަށް ލިބިދޭ ބާރުތަކަށް ވުރެ އިތުރު ބާރުތަކެއް 2047 ގެ ނިޔަލަށް ހޮންގްކޮންގްއަށް އޮތީ ކަށަވަރު ވެފައެވެ. ނަމަވެސް މިއަހަރުގެ ޖޫން މަހުގެ ފަހުކޮޅު ޗައިނާއިން ވަނީ ގާނޫނީ "އިސްލާހް"ތަކެއް ގެނެސް، ހޮންގްކޮންގްގެ ޑިމޮކްރަސީ ސަޕޯޓަރުންނާ ދެކޮޅަށް ހަރުކަށި އުސޫލުތަކެއް ތަންފީޒު ކުރަން ފަށާފައެވެ. އަދި ހޮންގްކޮންގްއަށް ލިބިދީފައިވާ އިސްތިގުލާލީ ބާރުތައްވެސް ވަނީ އިންތިހާއަށް ހަނިކޮށްފައެވެ.

70 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ހޮންގްކޮންގްގެ ގާނޫނު ހަދާ މަޖިލީހުގައި ޕްރޯ-ޑިމޮކްރަސީ މެމްބަރުންގެ ގޮތުގައި ތިއްބެވީ 19 މެމްބަރެކެވެ. މި ހުރިހާ މެމްބަރުންވެސް މިހާރު ވަނީ މަގާމުން ދުރުކުރެވި، ނުވަތަ އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ.