ފަރުވާއެއް އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަކީ ލޯބީގެ އިމްތިހާނެކޭވެސް ބުނެވިދާނެއެވެ. ބަލިމަޑުކަމުގެ އާ އާންމު ހާލަތާއެކު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެކަމަށް ހޭނެން މަޖުބޫރުކުރުވިއިރު، މި ކަންކަން ކަމަކީ ލޯބީގެ ހަޔާތަށްވެސް ބަދަލުތަކެއް ގެނުވި ކަމެކެވެ. އެއްބައި ގުޅުންތަކަށް "ވައިރަސް އަރާ" ގުޅުންތައް ރޫޅިގެން ދިޔައިރު، ހިތު ހަންހާރައަށް ބަދަލެއް ނައިސް، ލޯބި އިތުރުވާ ޖޯޑުތައްވެސް މަދެއް ނޫނެވެ. މިއީވެސް އެފަދަ ހާދިސާއެކެވެ.

ސޯޝަލް މީޑިއާގައި ވައިރަލްވި މަންޒަރެކެވެ. ވީޑިއޯއިން ފެންނަނީ، އުމުރުން 81 އަހަރުގެ ސްޓެފާނޯ ބޮޒޯނީ، މަގުމަތީގައި ގޮނޑިއެއް އަޅައިގެން އިނދެ، އެކޯޑިއަންއެއް ކުޅެމުންދާ މަންޒަރެވެ. ކުޅެމުންދަނީ ހިތްގައިމު ރާގުތަކެވެ. ގޮނޑިއަޅައިގެން އިނީ، ފާއިތުވީ 47 އަހަރު، އޭނާގެ ހަޔާތުގެ ބައިވެރިޔާގެ ގޮތުގައި ދުވަސްތައް ގުނަމުން އައި ކާލާ ސާޗީ، އެޑްމިޓް ކޮށްފައި އޮތް ހޮސްޕިޓަލު ކައިރީގައެވެ.

ބޮޒިނީގެ އެކޯޑިއަންއިން، އޭނާގެ އަނބިމީހާ އެންމެ ގަޔާވާ، ލޯބީގެ ހިތްގައިމު ރާގުތައް ކުޅެމުންދިޔައިރު، ހޮސްޕިޓަލުގެ 2 ވަނަ ފަންގިފިލާއިން އޭނާގެ އަނބިމީހާވެސް އެ މަންޒަރު ބަލަން ހުރެއެވެ. އިތުރު މީހުންވެސް މި ހިތްގައިމު މަންޒަރު ބަލަން ތިއްބެވެ. ރާގުތައް ކުޅެ ނިންމާލުމަށްފަހު، އޭނާގެ އަނބިމީހާއަށް ބޮޒިނީ ހަނާއަޅާލައެވެ.

މިއީ އިޓަލީވިލާތުގައި ހިނގާދިޔަ ކަމެކެވެ. ކާލާ ފަރުވާ ހޯދަމުންދާ ހޮސްޕިޓަލަކީ ކޮވިޑް-19ގެ ޕޭޝަންޓުންނަށް ފަރުވާ ދޭ ހޮސްޕިޓަލެއް ނޫނެވެ. ނަމަވެސް، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، އިތުރު ބަޔަކަށް ހޮސްޕިޓަލަކަށް ނުވަދެވެއެވެ. އެއީ އެންމެ ގާތް މީހާ ކަމުގައި ވީ ނަމަވެސްވެއެވެ.

އިޓަލީވިލާތުގެ އަސްކަރިއްޔާއަށް ހިދުމަތް ކޮށްފައިވާ ބޮޒިނީ، އަސްކަރީ ހިދުމަތުގައި އޭނާ ބޭނުން ކުރި ތޮފި އަޅައިގެން، ހޮސްޕިޓަލު ބޭރުގައި އިނދެގެން އަނބިމީހާގެ ހިތް އުފާ ކޮށްދެމުން ދިޔައީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އޭނާގެ މައްޗަށް ލާޒިމު ކޮށްފައި އޮތް ފަރުދީ ޒިންމާ އަދާކޮށް، ގަވައިދުތަކަށް އިހުތިރާމް ކުރަމުންނެވެ. ކޮވިޑް-19އާއެކު ދިރިއުޅެން ޖެހިފައިވާ އާ އާންމު ހާލަތަކީ، ހަގީގީ ލޯތްބަކަށް އޮތް ހުރަހެއް ނޫން ކަން، ބޮޒިނީ ކިތަންމެ ފުރިހަމައަކަށްވެސް ސާބިތު ކޮށްދީފިއެވެ.