ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގެ މެމްބަރު، ހުރިހާ ގައުމަކީ، އަނެއް ގައުމުގެ ސަރަހައްދީ ނަޒާހާރާތްތެރި ކަމަށް އިހުތިރާމް ކުރާ ބަޔަކަށް ވާން ޖެހޭ ކަމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ގޮވާލައްވައިފިއެވެ.

އަވަށްޓެރިންނާ ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި އިންތިހާ ނުތަނަވަސް ފައްތަރެއްގައި އޮތް އިންޑިއާގެ ބޮޑުވަޒީރުގެ މި މެސެޖަކީ، އިންޑިއާގެ ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް ޕާކިސްތާނާއި ޗައިނާއަށް ދެއްވި މެސެޖެއްގެ ގޮތުގައި ސިފަކުރެވެއެވެ.

މޯދީ މިމޭރުމުން ތަގުރީރު ކުރައްވާ ފައި ވަނީ، މިހާރު ކުރިއަށްދާ އެސްސީއޯ ކައުންސިލް އޮފް ހެޑްސް އޮފް ސްޓޭޓްގެ ވާޗުއަލް ޕްލެޓްފޯމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިންޑިއާއަކީ އެސްސީއޯގެ މެމްބަރު ގައުމުތަކާއެކު ޒަމާންވީ، ތާރީހީ ގުޅުންތަކެއް އޮތް ގައުމެއް ކަމަށާ، އެއް ބަޔަކު އަނެއް ބަޔަކާ އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި ކުރިއަށްދާން ޖެހޭ ކަމަށާ، މިކަންކުރުމުގައި އަނެކުންގެ ސަރަހައްދީ އިސްތިގުލާލާ ނަޒާހާތްތެރިކަން ދަމަހައްޓަން ޖެހޭ ކަމަށްވެސް މޯދީ ވިދާޅުވިއެވެ.

ތަގުރީރު ކުރިއަށް ގެންދަވަމުން މޯދީ ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ޓެރަރިޒަމާ، ގަވައިދާ ހިލާފަށް ހަތިޔާރު އެތެރެކުރުމާ، މަސްތުވާތަކެތީގެ ވަގު ވިޔަފާރި ކުރުމާ، ކަޅު ފައިސާގެ ވިޔަފާރިއާ ދެކޮޅަށް އަޑު އުފުލަމުން އަންނަ ގައުމެއް ކަމަށެވެ.

9 މިނެޓެއް ހާއިރަށް ދެމިގެން ދިޔަ ތަގުރީރުގައި މޯދީ އިތުރަށް ވިދާޅުވީ، ސުލްހައާއި، ހަމަޖެހުމާއި ކުރިއަރާ ދިއުމަކީ އިންޑިއާއިން ސާބިތު ކަމާއެކު ގަބޫލުކުރާ ކަންތައްތަކެއް ކަމަށެވެ. އަދި ސީއެސްއޯގެ ޗާޓަރާ އެއްގޮތަށް މަސައްކަތްތައް ކުރުން މަތީ، އިންޑިއާ ސާބިތުވެ އޮތް ކަމަށްވެސް މޯދީ ވިދާޅުވިއެވެ.

އެމެރިކާ ފަދަ ހުޅަނގުގެ ނުފޫޒު ގަދަ ގައުމުތަކުގެ އިއްތިހާދު، ނޭޓޯ އާ ވާދަ ކުރުމަށް ޗައިނާގެ ވެރިރަށް ބެއިޖީންގްގައި މަރުކަޒު ކޮށްފައި ވާ އެސްސީއޯ އަކީ، 8 މެމްބަރުންގެ މައްޗަށް އެކުލެވޭ، އިގުތިސޯދީ އަދި ސަލާމަތީ އިއްތިހާދެކެވެ. އެއް ސަރަހައްދަށް ވުރެ ގިނަ ސަރަހައްދުގެ ގައުމުތައް ހިމެނޭ ގޮތަށް އެކުލަވާލާފައި ވާ އެންމެ ވަރުގަދަ އެއް އިތިހާދުގެ ގޮތުގައި ސިފަ ކުރަމުން އަންނަ އެސްސީއޯގެ ދާއިމީ މެމްބަރުންގެ ގޮތުގައި އިންޑިއާއާއި ޕާކިސްތާނު ހަމަޖެހުނީ 2017 ވަނަ އަހަރުއެވެ.