އިންޑިޔާ ފޮރިން ސެކްރެޓަރީ ހަރްސް ވައްދަންޝްރިންގްލާ އާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސްވެރިންނާއި އެޑްވައިޒަރުން މިއަދު ބައްދަލުކުރައްވައިފިއެވެ.

މާލޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަންގައި ބޭއްވުނު އެބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުން ވަނީ ޕީޕީއެމްގެ ރައީސް ރައީސް އަބްދުﷲ ޔާމީނަށް ސަރުކާރުން ނުހައްގުން ދެމުންދާ އަނިޔާތަކާމެދު ވާހަކަ ދައްކާފައެވެ.

ރައީސް ޔާމިންގެ ޝަރީއަތަކީ ބައިނަލްއަގްވާމީ އުސޫލުތަކާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެތައް ގޮތަކުން ފުށުއަރާ ޝަރީއަތެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި ޖަލުގައި ހުންނަވާތާ އެއް އަހަރާ ގާތްވަމުންދާ ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލައާ މެދު ހުރި ކަންބޮޑުވުންތައް ވެސް ހިއްސާކޮށްފައެވެ.

އޭގެ އިތުރުން ޝަރުއީ ދާއިރާއަށް ސަރުކާރުން ސީދާ ފޯރުވަމުންދާ ނުފޫޒުގެ ވާހަކައާއި ގާނޫނު އަސާސީން ވަކިވާންޖެހޭ ބާރުތަކުގެ ތެރެއްއިން ޝަރުއީ ދާއިރާއަށް ފޯރުވަމުންދާ ނުފޫޒުގެ އެންމެ ބޮޑު އަސްލަކީ ޖުޑިޝަލް ސާވިސް ކޮމިޝަން ކަމުގައި ވަނީ ފާހަގަކޮށްފައެވެ.

ރައްޔިތުންގެ އެންމެ ގިނަ ބައެއްގެ ތާއީދު އޮތް ސިޔާސީ ލީޑަރަކީ ރައީސް ޔާމީންކަމަށް ވީހިނދު، ނުޙައްޤުން އެމަނިކުފާނު ހައްޔަރުގައި ބަހައްޓައިގެން ސަރުކާރުން ހިންގަމުންދާ ޖަރީމާތަކުން ދޭހަވަނީ، މިސަރުކާރަކީ ޑެމޮކްރަސީއަށް ކުޑަވެސް އިޙްތިރާމެއް ނެތް ބައެއްކަމަށް އެބޭފުޅުން ހާމަކުރެއްވިއެވެ.

ހަމައެހެންމެ ކޯލިޝަންގެ ކަންބޮޑުވުން ހުރި ތަފާތު ކަންކަން ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ވަނީ ބައްދަލުކުރައްވާފައެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް މިދަތުރުގައި އިއްޔެ ވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު މުހިއްމު 4 އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. މީގެ ތެރޭގައި ތިލަ މާލެ ބްރިޖް އެޅުމަށް ސަރުކާރުން ހިންގާ މަޝްރޫޢަށް އިންޑިއާއިން ދިން 100 މިލިއަން ޑޮލަރާ ގުޅޭ އެއްބަސްވުން ވެސް ހިމެނެއެވެ.

މިއީ ހަރްޝް ވަރްދާން ޝްރިންގްލާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ކަމާ ޖެނުއަރީ 29، 2020 ގައި ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެބޭފުޅާއަކީ އިންޑިއާގެ 33 ވަނަ ފޮރިން ސެކްރެޓަރީއެވެ.