އަހަރީ އޮޑިޓް ކުރުމަށްޓަކައި މިމަހު 11 އިން މިމަހު 14 ގެ ނިޔަލަށް ސުޕަމާޓް ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރި ބަންދު ކުރާނެ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައުޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

ވިޔަފާރި ހުޅުވޭނީ މިމަހު 15 ވަނަ ދުވަހު ހެނދުނު 08:30 ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ. އެސްޓީއޯއިން ވަނީ އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދިފައެވެ.

އެސްޓީއޯ އަށް ތިން ވަނަ ކުއާޓަރުގައި ވަނީ 100 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައެވެ. އަދި ތިން ވަނަ ކުއާޓަރުގައި ޖުމްލަ އާމްދަނިއެއްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އެސްޓީއޯގެ މާލީ ރިޕޯޓުގައިވާ ގޮތުން އެ ކުންފުނިން ތިން ވަނަ ކުއާޓަރުގައި ވަނީ 1.2 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައެވެ. އެ ވިޔަފާރިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ތެލުންނެވެ. އެއީ 818 މިލިއަން ރުފިޔާއެވެ. އަދި އެ ނޫން ދާއިރާ ތަކުން އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 727 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށް އެ ކުންފުނީގައި 2,057 މުވައްޒަފުން މަސައްކަތް ކުަރަމުންދާ ކަމަށް ދައްކައެވެ. މީގެތެއިން 1,666 މީހުންނަކީ ދިވެހިންނެވެ. އަދި ބިދޭސީންގެ ގޮތުގައި 391 މީހުން މަސައްކަތް ކުރެއެވެ. އެސްޓީއޯއަކީ ގިނަ އަދަދެއްގެ ދިވެހިން މަސައްކަތް ކުރާ ކުންފުންޏެކެވެ.