އެއީ 2013 ވަނަ އަހަރެވެ. އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް – މުމްބާއީއަށް، އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން ޒިޔާރަތް ކުރެއްވިއެވެ. މުމްބާއީގައި ތަގުރީރު ކުރައްވަމުން ބައިޑަން، ކަމެއް ހާމަ ކުރެއްވިއެވެ. އެއީ އޭނާގެ ދުރުތާ ތިމާގެ ބަޔަކު މުމްބާއީގައި ދިރިއުޅެމުން ދާ ވާހަކައެވެ.

އޭގެ 2 އަހަރު ފަހެވެ. ވޮޝިންގްޓަންގައި ކުރިއަށް ދިޔަ އިވެންޓެކެވެ. "މުމްބާއީގައި 5 ބައިޑަން" ދިރިއުޅޭ ކަމަށް ޖޯ ބައިޑަން ވިދާޅުވިއެވެ.

ދުރުތާ ތިމާގެ ބަޔަކު އިންޑިއާގައި ތިބިކަން ބައިޑަންއަށް އެންމެ ފުރަތަމަ އެނގިވަޑައިގަތީ މީގެ އެތައް އަހަރެއް ކުރިން، ފުރަތަމަ ފަހަރަށް ސެނެޓަރަކަށް ވެވަޑައިގަތް ދުވަސް ވަރު، ލިބިވަޑައިގެންނެވި ސިޓީއަކުން ކަމަށް ވެއެވެ. އެ ސިޓީގައި ވާ ގޮތުން، ޖޯ ބައިޑަންގެ 5 ޖީލު ދޮށީ ކާފަ، އީސްޓް އިންޑިއާ ކޮމްޕެނީގައި މަސައްކަތް ކުރިއެވެ.

ޖޯ ބައިޑަންގެ އަނބިކަނބަލުނާއި އަންހެން ދަރިފުޅު އަވަހާރަވި ކާރު އެކްސިޑެންޓަށް ފަހު 2 ދަރިކަލުންނާއެކު / ފޮޓޯ: ޔޫއެސްއޭ ޓުޑޭ

އެމެރިކާގެ ނައިބު ރައީސްގެ ހައިސިއްޔަތުން 2013 ވަނަ އަހަރު މުމްބާއީއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ބައިޑަން ވަނީ، 1979 ވަނަ އަހަރު، އުމުރުފުޅުން އެންމެ 29 ވަރަކަށް އަހަރުގައި ލިބިވަޑައިގެންނެވި ސިޓީގެ ހަގީގަތް ހޯއްދެވުމަށް މަސައްކަތް ނުކުރެއްވުނީތީ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

2015 ވަނަ އަހަރު ބައިޑަން އިއުލާން ކުރެއްވި ގޮތުގައި، އީސްޓް އިންޑިއާ ޓްރޭޑިންގް ނަމަކަށް ކިއާ ކުންފުނީގެ ކާފަ ބައިޑަން މަސައްކަތްކޮށް ރިޓާޔާ ކުރުމަށް ފަހުގައިވެސް އިންޑިއާގައި މަޑުކުރީއެވެ. އަދި އިންޑިއާ މީހަކާ ކައިވެނިކޮށް، ދިރިއުޅުން ފެށީއެވެ. އަދި ފޯނު ނަމްބަރުތަކެއް ލިބިވަޑައިގެންފައި ވާކަމަށްވެސް ބައިޑަން އޭރު ހާމަ ކުރެއްވިއެވެ.

ޖޯ ބައިޑަން ޒުވާން ދުވަސްރު / ފޮޓޯ: އެންވައިޓީ

މިއިން އެއްވެސް ބައިޑަންއަކާ ޖޯ ބައިޑަންއާއި ފޯނުން ބައްދަލުވި ކަމެއް ނުވަތަ ނޫން ކަމެއް އަދި ކަށަވަރެއް ނުވެއެވެ. ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި، އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި، އުމުރުފުޅުން 77 އަހަރުގެ ޖޯ ބައިޑަން ރިޔާސީ ހުވާ ކުރައްވާއިރު، އޭނާ ވިދާޅުވި "5 ބައިޑަން"ގެ ތެރެއިން އެއް ބައިޑަން ކަމަށް ވަކާލާތު ކުރާ އެކަކުވެސް އަދި އާންމު ކޮށް ނުފެނެއެވެ.

ދެން އޮތީ ބައިޑަންގެ ނައިބު، ކަމަލާ ހެރިސްގެ ވާހަކައެވެ. ކަމަލާ ހެރިސް އަކީ، އުމުރުން އެންމެ 19 އަހަރުގައި އެމެރިކާއަށް ދަތުރުކުރި އިންޑިއާ އަންހެނެއްގެ ދަރިއެކެވެ. މިއާއެކު އެމެރިކާގެ އިންތިހާބީ ސަރުކާރާއި، އިންޑިއާއާ އޮތް އާއިލީ ގުޅުން ފިސާރި ބަދަހި ކަމުގައި ދެންނެވުން ނޫން އެހެން ގޮތެއް ނެތެވެ.