އެމެރިކާގެ ޓީވީ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ޒަމާންވީ އެއް ގޭމް ޝޯ ކަމަށްވާ "ޖެޕަޑީ!"ގެ މަޝްހޫރު ހޮސްޓް، އެލެކްސް ޓްރެބެކް، މަރުވެއްޖެއެވެ.

ސްޓޭޖް-ފޯ ޕެންކްރިއެޓިކް ކެންސަރުގެ ޝިކާރައަކަށް ވި ކަން، 2019 ވަނަ އަހަރުގެ މާޗް މަހު އިއުލާން ކުރި ޓްރެކެބް، އުމުރުން 80 އަހަރުގައި މި ދުނިޔެ ދޫކުރީވެސް ހަމަ އެ ބަލީގައެވެ.

1984 ވަނަ އަހަރުން ފަށައިގެން "ޖެޕަޑީ!" ހޮސްޓް ކުރަމުން އައި ޓްރެބެކަށް ވަނީ، ގިނަ އެވޯޑްތަކެއްވެސް ކަށަވަރު ކޮށްފައެވެ.

އެލެކްސް ޓްރައިބެކް ވަނީ 2019 ވަނަ އަހަރު "އައުޓްސްޓޭންޑިންގް ގޭމް ޝޯ ހޮސްޓް" އެމީ އެވޯޑް ހާސިލުކޮށްފަ /ފޮޓޯ: ގެޓީއިމޭޖަޒް

ޓްރެބެކް މަރުވުމާ ގުޅިގެން، "ޖެޕަޑީ!" ގެ ޕްރޮޑިއުސަރު ކަމަށް ވާ ސޮނީ ޕިކްޗާޒް އިން ވަނީ ބަޔާނެއް އާންމު ކޮށްފައެވެ. ފާއިތުވީ 37 އަހަރުގެ ދިގު މާޒީގައި، އެލެކްސް ޓްރެބެކްއަކީ ދުވަހުގެ ބުރަ މަސައްކަތަށް ފަހު ސިކުނޑިއަށް ހަމަޖެހުން ލިއްބައިދެނިވި މުނިފޫހިފިލުވުމުގެ ބައިވެރިޔާ ކަމަށާ، އޭނާގެ އަޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކަށް ހިތްހަމަޖެހުން ލިއްބައިދިން އަޏޑެއް ކަމަށް ސޮނީ ޕިކްޗާޒްގެ ބަޔާނުގައިވެއެވެ.

ކެނޭޑިއަން-އެމެރިކަން ދަރިކޮޅުގެ ޓްރެބެކްއަށް، ކެނެޑާގެ މަގުބޫލު ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯވެސް ވަނީ ތައުރީފު ކުރައްވާފައެވެ.

ޓްރެބެކް ވަނީ "ޖެޕަޑީ!"ގެ 8200 އަށް ވުރެ ގިނަ އެޕިސޯޑް ހޮސްޓް ކޮށްފައެވެ. 2014 ވަނަ އަހަރު އޭނާ ވަނީ، އެއް ގޭމް-ޝޯއެއް އެންމެ ގިނަ ދުވަހު ހޮސްޓްކުރި ޕްރެޒެންޓަރުގެ ގިނިސް ވޯލްޑް ރެކޯޑް ވެސް ކަށަވަރު ކޮށްފައެވެ.

ކެންސަރު ބަލީގެ ވޭންދެނިވި ފަރުވާ ހޯދަމުން ދިޔަ އިރުވެސް ޓްރެބެކް ވަނީ "ޖެޕަޑީ!"ގެ ޝޯތައް ހޮސްޓް ކޮށްދީފައެވެ. 2022 ވަނަ އަހަރުގެ ނިޔަލަށް ޝޯ ހޮސްޓް ކުރުމަށް ޓްރެބެކް އޮތީ ކޮންޓްރެކްޓް ހަދާފައެވެ.

"ޖެޕަޑީ!" އަކީ ތަފާތު ގޭމް ޝޯއެކެވެ. ޝޯ ފަރުމާ ކޮށްފައި ވަނީ އާންމު މައުލޫމާތުގެ ޖަވާބުތަކެއް ހޮސްޓް ހުށަހެޅުމުން، ގޭމްގެ ބައިވެރިން ސުވާލު ދެނެގަންނަ ފަދަ ގޮތަކަށެވެ. އެލެކްސް ފްލެމިންގްއާއި ޓްރެބެކް ހުށަހަޅާ ދެމުން ދިޔަ "ޖެޕަޑީ!" އަކީ ޓީވީ ޝޯތަކުގެ ރޭޓިންގް ރެކޯޑްތަކެއްވެސް މުގުރާލި ގޭމް ޝޯއެކެވެ.