މަރުވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނީ ހުޅުމާލެ ހޮސްޕިޓަލަށް، މަރުވެގެން ގެންގޮސްފައި ވަނީ އުމުރުން 43 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށެވެ. އަދި ޕްރޮޓޮކޯލްގެ ތެރެއިން ކޮވިޑް-19 އަށް ޓެސްޓު ކުރުމުން އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށް ބުންޏެވެ.

އެ މީހާގެ މަރަކީ ކޮވިޑް މަރެއްގެ ގޮތުގައި އަދި ކަނޑައަޅާފައި ނުވާ ކަމަށާއި އެކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ.

އިއްޔެ ރާއްޖޭން ކޮވިޑަށް 30 މީހުން ޕޮޒިޓިވް ވެފައިވާއިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 11،962 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،066 އަށް އަރާފައެވެ.

އެ ބަލީގައި 39 މީހަކު މަރުވެފައި ވާއިރު، މި ބައްޔަށް ޕޮޒިޓިވްވި 7 މީހަކު ވެސް ވަނީ މަރުވެފައެވެ. އެ 7 މީހުންނަކީ ކޮވިޑްގައި މަރުވި މީހުން ނޫން ކަމަށް ވަނީ ނިންމާފައެވެ.