އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ގެ ރޮނގުން، އަންހެނުން ބާރުވެރި ކުރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ދެމުން އަންނަ ޝަރަފުވެރި އެވޯޑެއް ސައުދީ އަރަބިއްޔާއިން ކަށަވަރު ކޮށްފިއެވެ.

އަންހެނުންގެ ހައްގުތަކަށް އުނިކަން ލިއްބައިދެނިވި ގާނޫނު ތަކެއް ތަންފީޒު ކުރަމުން އަންނަ ގައުމެއްގެ ގޮތުގައި ބައެއް ފަރާތްތަކުގެ ފުރައްސާރަ އަމާޒުވެފައި ވާ ސައުދީ އިން ކަށަވަރު ކޮށްފައި ވަނީ، އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައިޓީޔޫ) އިން ދޭ އެވޯޑްއެވެ.

ވަޒީފާގެ މައިދާނުގައި ހަރަކާތްތެރިވާ ސައުދީ އަންހެނުންގެ އަދަދު އަންނަނީ އިތުރު ވަމުން / ފޮޓޯ: ޑަބްލިއުއީއެފް

މި އެވޯޑަކީ، އަންހެނުން ބާރުވެރި ކުރުވާ، ލީޑާޝިޕްގެ ރޯލުތަކުން އަންހެނުން ފެންނަ މިންވަރު އިތުރު ކުރުމަށް ސައުދީ އިން ކުރަމުންދާ މަސައްކަތްތަކުގެ ރަމްޒެއް ކަމަށް އެ ގައުމުން ސިފަ ކުރެއެވެ.

ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް)ގެ ލީޑާޝިޕްގެ ދަށުން، 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ސައުދީގެ އާ ތަސައްވުރުގައި އަންހެނުންގެ ބައިވެރިވުމާއި ޝާމިލުވުން އިންތިހާއަށް ފުޅާ ކުރާ ކަން ފާހަގަ ކުރަންޖެހެއެވެ.

މި ބަދަލާއެކު، ސައުދީގެ ވަޒީފާ ބާރާއި، އިގުތިސޯދީ ހަރަކާތްތަކުގައި އަންހެނުން ބައިވެރިވާ މިންވަރުވެސް އިތުރުވާން ފަށަފައި ވާ ކަން އެ ގައުމުން ފާހަގަ ކުރެއެވެ.