ކެއްސާއިރު ބޭރުވާ ތިކިތައް، އެމީހަކު ހުރި ސަރަހައްދުން 6 ފޫޓަށް ވުރެ ދުރަށް ފޯރާކަމަށް، ދާދި ފަހުން ކުރިއަށް ގެންދިޔަ ސިމިއުލޭޝަން ސްޓަޑީ އަކުން ދައްކައިފިއެވެ.

ސިމުއުލޭޝަން ސްޓަޑީ އަކީ، ސޫޑޯ-ރެންޑަމް ސާމްޕަލް ބޭނުން ކޮށްގެން، ކޮމްޕިއުޓަރުގައި ކުރިއަށް ގެންދާ ދިރާސާ އެކެވެ. ސޫދޯ-ރެންޑަމް ނަމްބަރުތަކަކީ ހިސާބުގެ ހަމަތައް ބޭނުން ކޮށްގެން އެކި ކަހަލަ ތަފާސް ހިސާބުތައް ތަހުލީލުކޮށްގެން ނެރޭ ނަމްބަރުތަކެކެވެ.

ޖާނަލް އޮފް ފިޒިކްސް އޮފް ފްލުއިޑްސްގައި އާންމު ކޮށްފައި ވާ މި ދިރާސާ ބުނާ ގޮތުގައި، ކެއްސާ މީހަކަށް ވުރެ 6 ފޫޓަށް ދުރަށް ތިކިތައް ބުރައިގެން ދިއުމުގެ އިތުރުން، ކެއްސާ މީހުންނަށް ވުރެ، އިސްކޮޅުން ކުރި މީހުންނަށް ވެސް ނުރައްކާ ބޮޑެވެ. އެހެނީ، ދުނިޔޭގައި ވާ ބިމަށް ދަމާ ބާރާއެކު، ތިކިތައް ތިރިއަށް ވެއްޓޭ ގޮތް ވުމުވެ.

މީހަކު ކެއްސާ މަންޒަރު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ހާވަޑް ޔުނިވާސިޓީ

ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގައި ދުނި އޮތް މި ދުވަސްވަރު، ކެއްސާއިރު އަނގައިން ބޭރުވާ ތިކިތަކަކީ ސައެންސްވެރިން މިއަދު އެންމެ ޝައުގުވެރިވާ އެއް މައުލޫއެވެ.

ސިންގަޕޫރުގެ އޭޖެންސީ އޮފް ސައެންސް، ޓެކްނޮލޮޖީ އެންޑް ރިސާޗް ގެ ދިރާސާ ޓީމުން ކުރިއަށް ގެންދިޔަ ސިމިއުލޭޝަން ސްޓަޑީގެ މުސައްނިފު ބުނާ ގޮތުގައި، ކެއްސާއިރު ބޭރުވެގެންދާ ތިކިތައް ތިރިއަށް ވެއްޓެން ދާއިރު، ބޮޑެތި މީހުންނަށް ވުރެ ކުޑަ ކުދިންނަށް ބަލި ޖެހުމުގެ ނުރައްކާ ބޮޑެވެ. އެހެން ކަމުން، ފުރާވަރު އުމުރުގެ ކުދިންނާއި، އިސްކޮޅުން ކުރު ހަރު އުމުރުގެ މީހުންވެސް، އިސްކޮޅުން ދިގު މީހުންނާއެކު އުޅޭ ނަމަ، އެންމެ މަދުވެގެން 2 މީޓަރު ދުރު މިނުގެ ޖިސްމާނީ ގައިދުރުކަން ގެންގުޅުމަށް ދިރާސާގައި އިރުޝާދު ދީފައި ވެއެވެ.