2018 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ސޯހިހުގެ ސަރުކާރުން ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވުމަށް ފަހު، އިންޑިއާގެ ކިބައިން އެންމެ ފުރަތަމަ ވެސް އެދުނީ އޭރު އިނދަޖެހެމުން ދިޔަ ދިވެހި އިގުތިސޯދު ނެގެހެއްޓުމަށް ކޭޝް-ގްރާންޓް ސަޕޯޓަށް ކަމަށް، ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު، ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.
ދަ ޕްރެސްއަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ސުދީރު ވިދާޅުވީ، ދިވެހިރާއްޖެއިން އެހީއަށް އެދި ހުށަހެޅި ހުށަހެޅުމަކީ އިހުލާސްތެރި ހުށަހެޅުމެއް ކަމަށާ، އޭރު ދިވެހިރާއްޖޭގެ އިގުތިސޯދީ ހާލަތު އޮތީ މާ އެދެވޭ ގޮތަކަށް ނޫން ކަމަށެވެ. މިއާއެކު، ލަސްތަކެއް ނުކޮށް އިންޑިއާއިން 50 މިލިއަން ޑޮލަރުގެ ކޭޝް-ގްރާންޓް ސަޕޯޓް ރާއްޖެއަށް ހުށަހެޅި ކަމަށް ހައި ކޮމިޝަނަރު ވިދާޅުވިއެވެ.
އިގުތިސޯދު ހަމައަކަށް އެޅުވުމުގެ މަގުސަދުގައި ރާއްޖެއަށް ހަމަޖައްސާދިން 50 މިލިއަން ޑޮލަރުގެ ކޭޝް ގްރާންޓް ސަޕޯޓްގެ އިތުރުން، ޓީ-ބިލުގެ ގޮތުގައި 150 މިލިއަން ޑޮލަރު، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސުވަޕް އެއްބަސްވުމާ، ކްރެޑިޓް ލައިން އުސޫލުން 800 މިލިއަން ޑޮލަރު، އަދި ކޮމިއުނިޓީ ޑިވަލޮޕްމަންޓް މަޝްރޫއުތަކަށް 13 މިލިއަން ޑޮލަރު ހަމަޖައްސާ ދެވިފައި ވާނެ ކަމަށް ހައި ކޮމިޝަނަރު ވިދާޅުވިއެވެ.
މާލީ އެހީގެ އިތުރުން، ފަންނީ ދާއިރާއިން މީހުން ބިނާ ކުރުމަށްވެސް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދިފައި ވާ ކަން ސުދީރު ވަނީ ފާހަގަ ކުރައްވާފައެވެ. އިންޑިއާއަކީވެސް ފަންނީ ދާއިރާ އިން މީހުން ބިނާ ކުރުމުގެ ޝައުގު އޮތް ގައުމެއް ކަމުން، 5 އަހަރު ދުވަހަށް، އިތުރު 1000 ސްލޮޓް، ފަންނީ ތަމްރީނުތަކަށް ހާއްސަ ކޮށްދެވުނު ކަމަށް ސުދީރު ވިދާޅުވިއެވެ. އެގޮތުން 2019-2020 ވަނަ އަހަރު، 700 އަށް ވުރެ ގިނަ ތަމްރީނު ސްލޮޓް ދެވިފައި ވާ ކަމަށް ހައި ކޮމިޝަނަރު ވިދާޅުވިއެވެ.
މާލީ އެހީތެރިކަމާ ކެޕޭސިޓީ ބިލްޑިންގްގެ އެހީއަށް ދިވެހި ސަރުކާރުން އެދިފައި ވަނިކޮށް، ދެން ކުރިމަތިވެގެން އައީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކަރިސާ ކަމަށާ، މި ކާރިސާއާ އެކުގައި ވެސް ދިވެހި ސަރުކާރުން އެދުނު ކޮންމެ އެހީއެއް ފޯރުކޮށް ދިނުމަށް އިންޑިއާއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ސުދީރު ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ކުރިމަތިލާން ޖެހިފައިވާ އެކި ކަހަލަ ގޮންޖެހުން ތަކުން އަރައިގަތުމަށް ދިވެހި ރާއްޖެއަށް އިންޑިއާއިން މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަމަށާ، މި އެހީ ފޯރުކޮށް ދިނުމުގައި ވަކި ގޮތަކަށް ހަރަދު ކުރުމަށް ޝަރުތު ކޮށްފައި ނުވާނެ ކަމަށް އިންޑިއާ ހައި ކޮމިޝަނަރު ވިދާޅުވިއެވެ. އިންޑިއާގެ އެހީގެ ދަށުން ރާއްޖެއަށް ފޯރުކޮ ށްދޭ އެހީއަކީ ހެޔޮ ގޮތުގައި ބޭނުން ކުރާނެ އެހީއެއް ކަމުގެ ފުރިހަމަ ޔަގީންކަން، އިންޑިއާ ސަރުކާރަށް އޮންނަ ކަމަށްވެސް ހައި ކޮމިޝަނަރު ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަށް އެހީތެރިކަމެއް ބޭނުންވާ ކޮންމެ ވަގުތަކު ގާތް އެކުވެރިއެއްގެ ގޮތުގައި އިންޑިއާ އޮންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން ވަނީ އެކި ގޮތްގޮތުން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށް ދީފައެވެ. އެގޮތުން ޗައިނާގެ ވޫހާން ސިޓީގައި ތިބި 9 ދިވެހިން ރާއްޖެ ގެނެސްދިނުމާ، އިންޑިއާގެ އެކި ހިސާބުތަކުގައި ތިބި ހާހެއްހާ ދިވެހިން ރާއްޖެ ގެނެސްދިނުމަށް އެހީތެރިވުމުގެ އިތުރުން ރާއްޖެއަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ހުއްޓުމެއް ނެތި ރާއްޖެއަށް ލިބޭނެ މަގު ފަހިކޮށްދިނުން ހިމެނެއެވެ.
މި ހިނގާ 2020 ވަނަ އަހަރަކީ، ދިވެހި ސަރުކާރުން ސިއްހީ ހިދުމަތް ފޯރުކޮށްދޭން ފެށިތާ 72 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރަށް ވާއިރު، ފާއިތުވެދިޔަ ދިގު މާޒީގައި ދިވެހި ސަރުކާރަށް މިކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން އެކުވެރިޔަކީ އިންޑިއާކަން ހަނދާން ނައްތާލެވޭކަށް ނެތެވެ.
މިވަރުން ހިންގަން އެނގޭނެ މޮޔައަށްކަށްވެސް މިޤައުމު އިންޑިއާ ގެ އުނގުގަ އޮށޯވެލައިގެން ވިކިގެން