ރާއްޖެއިން އަވައްޓެރި އިންޑިއާއަށް ސީފުޑް އެކްޕޯޓް ކުރުމާ ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދު މަޝްވަރާ ކޮށްފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ، މިއަދު ވާޗުއަލްކޮށް އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ބައިވެރިވެވަޑައިގެންފައިވާ އިރު އިންޑިއާގެ ހައިކޮމިޝަނަރު ސަންޖޭ ސުދީރާއި ކޮޗިން ޕޯޓް ޓްރަސްޓްގެ ޗެއާޕާސަން ބީނާ ގެ އިތުރުން ދެ ގައުމުގެ ސީފުޑް ވިޔަފާރީގައި ހަރަކާތްތެރިވާ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

މި ބައްދަލުވުން މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ހެނދުނު 11:30 އިން ފެށިގެން މެންދުރު 1:00 އާ ދެމެދަށެވެ.

މިއަދާ ހަމައަށް އައި އިރު ކުޅުދުއްފުށިން ކޮޗިންއަށް ކުރަމުންދާ ފެރީ ދަތުރު ތަކުގެ ތިން ދަތުރެއް ފުރިހަމަ ކުރވެިފައިވާ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ. އެހެންކަމުން މި ބައްދަލުވުމުގައި އިންޑިއާ އާއި ކުޅުދުއްފުއްޓަށް ކުރެވޭ ދަތުރުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އެ ގޮތުން މިހާރު މީ ރާއްޖެއާ އިންޑިއާއާ ދެމެދު ކުރެވޭ ދަތުރު ފަތުރުގެ ތެރެއިން ވިޔަފާރިއަށް އާދޮރުތަކެއް ހުޅުވާލަން ޖެހިފައިވާ ވަގުތު ކަމަށާއި އެހެންކަމުން ވިޔަފާރީގެ ކަންކަން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައި ވާ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ. މި މަޝްވަރާގެ ތޜޭގައި އިންޑިއާއަށް ސީފުޑް އެކްސްޕޯޓް ކުރަން ފެށުމާ ގުޅޭ ގޮތުން ވާހަކަ ދެކެވިފައި ވީ ނަމަވެސް އެކަން ފަށާނެ ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާ މާކެޓަށް ބަލާލާއިރު ކޮޗިންގައި އެކަނިވެސް ސީފުޑް ޕްރޮސެސް ކުރާ 120 ތަން އެބަހުރި ކަމަށާއި ކޮޗިން އަކީ ޔޫރަޕްގެ ގިނަ މާކެޓްތަކަކާއި ގުލޫން އޮތް ބައެއް ކަމަށް އިންދިއާ ހައި ކޮމިޝަނުން ބުނެއެވެ. އެހެންކަމުން އިންޑީއާއިން ކޮޗިންއަށް ސީފުޑް އެކްސްޕޯޓް ކުރަން ފެށިގެން ދިއުން ވެގެން ދާނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބިގެން ދާނެ ބޮޑު ކުރިއެރުމެއް ކަމުގައި އެ ކޮމިޝަނުން ބުނެއެވެ.

ރާއްޖެއިން ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ އެންމެ ބޮޑު އެއް މާކެޓަކީ ތައިލޭންޑެވެ. މީގެ އިތުރުން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާއި ޖަޕާނަށް ވެސް ރާއްޖެއިން ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓް ކުރެއެވެ.