ކޮވިޑް-19 އާ ގުޅިގެން ގެސްޓްހައުސް ސިނާއަތް ބަންދުކުރުމަށް ފަހު އަލުން ހުޅުވާލި ފަހުން މިހާތަނަށް 49 ގެސްޓްހައުސް އަކަށް ހުއްދަ ދީފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާ 49 ގެސްޓްހައުސް އަކަަށް އެ ހުއްދަ ދީފައި ވެއެވެ. އެގޮތުން މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކ. އަތޮޅާއި ނ. އަތޮޅު އަދި އއ. އަތޮޅާއި ވ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީގައި ގެސްޓްހައުސް ހުޅުވުމަށް ހުއްދަ ވަނީ ދީފައެވެ.

މިހާތަނަށް ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދީފައިވަނީ ނ. ފޮއްދޫ އާއި ކ. ހުރާ އާއި ވ. ފުލިދޫ އާއި ވ. ތިނަދޫ އާއި އއ. މަތިވެރި އާއި ކ. މާފުށިީގެ އިތުރުން އއ. ތޮއްޑޫ އާއި އއ. އުކުޅަހާއި ކ. ގުރައިދޫ އާއި އއ. ރަސްދޫ އާއި ކ. ހިންމަފުއްޓާއި އއ. ރަސްދޫ އާއި އައްޑޫ ސިޓީ ފޭދޫ އަދި އައްޑޫ ސިޓީ މަރަދޫފޭދޫއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް 41،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ. އޭގެ ތެރެއިން 1،210 ފަތުރުވެރިން އައިސްފައި ވަނީ ގެސްޓްހައުސް ތަކަށެވެ.

އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ މާފުއްޓަށެވެ. އެގޮތުން މާފުއްޓަށް 548 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑާއި ގުޅިގެން މިދިޔަ މާޗު މަހުގެ ފަހުކޮޅު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. އެއަށްފަހު ރިސޯތްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ދިން ނަމަވެސް ގެސްޓްހައުސްތަކަށް ހުއްދަ ދީފައިވަނީ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުއެވެ.