ލަންކާގެ ޕްލޯޓް ޖަމާއަތުގެ ހަނގުރާމަވެރިން ރާއްޖެ ހިފުމަށް ނޮވެމްބަރު 3 ގައި ކުރި މަސައްކަތް ނާކާމިޔާބު ކޮށްލީ ދިވެހި ސިފައިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ނަޝީދު ވިދާޅުވީ ނޮވެމްބަރު 3، 1988ގައި މެންދަމުން ފެށިގެން އެދުވަހުގެ އިރުއޮއްސުމާއި ހަމައަށް ލަންކާގެ ޖަމާއަތުން ސިފައިންގެ މައި މަރުކަޒަށް ބަޑިން ހަމަލާދީ އެ މަރުކަޒު ހިފުމަށް މަސައްކަތް ކުރި ކަމަށެވެ.

ދިވެހި ސިފައިން އެކަން ނާކާމިޔާބު ކޮށްލާފައިވާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، ނަސްރުގެ ދުވަސް ފާހަގަކުރަނީ ސާބިތު ކަމާ އެކީގައި ސިފައިން ރައްދު ހަމަލާ ދީ އެމަރުކަޒު ސިފައިން ހިމާޔަތް ކުރުމަށް ކުރި މަސައްކަތް ފާހަގަކުރުމުގެ ގޮތުން ކަމަށެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޕީޕަލްސް ލިބަރޭޝަން އޮފް ޓައިމް އީލަމް ކިޔާ ޖަމާއަތަކުން ދިވެހި ރާއްޖެއަށް ހަމަލާދީ، ދިވެހި ރާއްޖެ ހިފުމަށް މަސައްކަތް ކުރި ދުވަސް. ޕީޕަލްސް ލިބަރޭޝަން އޮފް ޓައިމް އީލަމުން ދިވެހިރާއްޖެ ހިފުމަށް ކުރި މަސައްކަތް ނާކާމިޔާބު ކުރީ ފަހުރުވެރި ދިވެހި ސިފައިން،
ރައީސް މުހައްމަދު ނަޝީދު

އެދުވަހު އިންޑިއާއިން ރާއްޖެއަށް ވީ އެހީއަށް ނަޝީދުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލާފައެވެ.

ލަންކާގެ ޕްލޯޓް ޖަމާއަތުގެ ހަނގުރާމަވެރިން ރާއްޖެ އަރާ، ހިންގި އުދުވާނީ ޖަރީމާގައި ދިވެހި 19 ދަރިއަކު ވަނީ ޝަހީދު ވެފައެވެ. ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު އެމްއެންޑީއެފްގެ އޭރިއާތަކުގައި ހިމެނޭ އެމްއެންޑީއެފް ނޮދަން އޭރިއާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އަދި އެމްއެންޑީއެފް ސަދަން އޭރިއާގައި ޖަމާއަތުގައި ފަތިސް ނަމާދު ކުރުމުގެ އިތުރުން ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.