މީގެ 30 އަހަރު ކުރިން، 14 އަންހެނަކާ އަންހެން ކުދިންތަކެއް މަރާލާފައި ވާނެ ކަމަށް ދެކުނު ކޮރެއާގެ މީހަކު މިއަދު ކޯޓުގައި އިއުތިރާފުވެއްޖެއެވެ.
ދެކުނު ކޮރެއާގެ ރެކޯޑް ބަލާއިރު އެންމެ ނުރައްކާތެރި ސިލްސިލާ-ގާތިލު ކޭސްތަކުގެ ފަހަތުގައި ހުރި ލީ ޗުން-ޖޭއި، އޭނާގެ އަމަލުތަކަށް ކޯޓުގައި އިއުތިރާފު ވަމުން ބުނީ، މިހާ ދުވަސް ވީ އިރުވެސް އޭނާ އަށް ތުހުމަތު ކުރެވިފައި ނުވާތީ ހައިރާން ވާ ކަމަށެވެ.
14 މީހެއްގެ މަރަށް، ލީ އެންމެ އެންމެ ފުރަތަމަ އެއްބަސްވީ މިދިޔަ އަހަރުއެވެ. ނަމަވެސް، މިއަދު މިއީ އާންމު މަޖިލީހެއްގައި އެކަމަށް އޭނާ އިއުތިރާފުވި ފުރަތަމަ ދުވަހެވެ.
ލީ ގެ ކުށަށް އޭނާ އިއުތިރާފުވީ، މަރުތަކަކާ ގުޅިގެން މީހެއްގެ މައްޗަށް ކުށް "ކުށް ސާބިތުކޮށް" ޖަލުގައި ދުވަސްތަކެއް ހޭދަ ކުރި ޔޫން ނަމަކަށް ކިއާ މީހެއްގެ ކުރިމަތީގައެވެ. ދެކުނު ކޮރެއާގެ ގާނޫނު ބުނާ ގޮތުން ޔޫންގެ ފުރިހަމަ ނަން ހާމަ ކުރެވޭކަށް ނޯވެއެވެ. ޔޫން ވަނީ 13 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް، މަރާލި މައްސަލާގައި ޖަލުގައި 20 އަހަރު ހޭދަކޮށްފައެވެ. އޭނާ މިނިވަން ކުރީ 2008 ވަނަ އަހަރުއެވެ.
ސިލްސިލާ މަރުގެ ކޭސްތަކާ ގުޅިގެން ފުލުހުން މިދިޔަ އަހަރު އާ ތަހުގީގެއް ފެށީ، ބައެއް މަރުތަކާ ލީގެ ޑީއެންއޭއާ ގުޅުން އޮވެގެންނެވެ. ޔޫން އޭރުވެސް ދިޔައީ އޭނާ މައުސޫމުކަމަށް ވަކާލާތު ކުރަމުންނެވެ. ޔޫންގެ އިސްތިއުނާފީ ޝަރިއަތުގެ އަޑުއެހުމެއް ލީ ބުނީ ޖިނާއީ ކުއްތަށް ހިނގާ ދިޔައި އޭނާގެ ވަށައިގެން ކަމަށާ، އެއްވެސް ހެއްކެއް ފޮރުވަން މަސައްކަތް ކޮށްފައި ނުވާނެ ކަމަށާ، ފުލުހުންނާވެސް ބަދަލު ވެފައި ވާނެ ކަމަށާ، ނަމަވެސް އޭނާއަށް ތުހުމަތު އަމާޒު ނުވީ ކީއްވެކަމެއް ނޭނގޭ ކަމަށެވެ.
13 އަހަރުގެ އަންހެން ކުއްޖާގެ މަރަށް ލީ އިއުތިރާފުވިއިރު އޭނާގެ ކިބައިން ހިތާމައިގެ އެއްވެސް އަސަރެއް ނުފެންނަ ކަމަށްވެއެވެ. އަދި އެކުއްޖާ މަރާލީ އެއްވެސް ސަބަބެއް ނެތި ކަމަށްވެސް ލީ ވަނީ ބުނެފައެވެ. ލީ ބުނީ، އޭނާ ކުރި ކުށަށް، ނުކުޅެދޭ މީހަކު ހައްޔަރު ކުރި ކަން އެނގޭ ކަމަށެވެ. ލީ ވަނީ ޔޫންގެ އިތުރުން އޭނާގެ ޝިކާރައަކަށްވި މީހުންގެ އާއިލާތަކުގެ ކިބައިން މައާފަށް އެދިފައެވެ.
މި ކުށްތަކަށް ލީ އިއުތިރާފު ވި ނަމަވެސް، ގާނޫން ކަނޑައަޅާފައިވާ މުހުލަތު ހަމަވެފައި އޮތުމުން، ލީ އާ ދެކޮޅަށް ދައުވާ ކުރުމުގެ ފުރުސަތު މިހާރަކު ނެތެވެ.
1994 ވަނަ އަހަރުން ފެށިގެން ލީ ވެސް ހުންނަނީ ޖަލު ބަންދުގައެވެ. އެއީ އޭނާގެ ފަހަރިއެއް ރޭޕް ކޮށް، މަރާލި ހާދިސާއާ ގުޅިގެންނެވެ.
ޔޫން ވަނީ ކޯޓުގައި ހިނގާދިޔަ ކަންތައްތައް ގަބޫލުކުރަން ދަތި ކަމަށާ، އޭނާ މިހާރު ބޭނުންވަނީ ގެއްލުވާލި އަބުރާއި ޝަރަފު ހޯދުމަށް ކަމަށް ބުނެފައެވެ.