ސަރަހައްދީ ހަތުރުންގެ ގޮތުގައި އޮތް ނިއުކްލިއާ 2 ބާރު ކަމަށް ވާ އިންޑިއާއާއި ޗައިނާގެ އިސްވެރިން، މި ހިނގާ ނޮވެމްބަރު މަހުގެ ތެރޭގައި 3 ފަހަރެއްގެ މަތިން ބައްދަލު ކުރައްވާނެ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

އިންޑިއާގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ޗައިނާގެ ރައީސް ޝީ ޖީންޕިންގްއާއި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، މި ނޮވެމްބަރު މަހު 3 ފަހަރެއްގެ މަތިން އެއް ތަނަކުން ފެނިވަޑައިގަންނަވާނީ ވާޗުއަލް ޕްލެޓްފޯމްތަކަކުންނެވެ.

އެއީ، ނޮވެމްބަރު 10 ވަނަ ދުވަހަށް ތާވަލު ކޮށްފައި ވާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ހެޑްސް އޮފް ސްޓޭޓް ސަމިޓް، ނޮވެމްބަރު 17 ވަނަ ދުވަހަށް ތާވަލު ކޮށްފައި ވާ "ބްރިކްސް" ސަމިޓް އަދި ނޮވެމްބަރު 21 – 22 އަށް ކުރިއަށް ގެންދާ ޖީ-20 ސަމިޓް ކަމަށް މައުލޫމާތު ލިބެއެވެ.

އެސްސީއޯއާއި ބްރިކްސް ސަމިޓްގެ ރިޔާސަތު ބަލަހައްޓާނީ ރަޝިއާއިން ކަމަށް ވާ އިރު، ޖީ-20 ސަމިޓް ހޯސްޓް ކުރާނީ ސައުދީ އަރަބިއްޔާއިންނެވެ.

މި ބައްދަލުކުރެއްވުންތައް ވާނީ، އިންޑިއާއާއި ޗައިނާ ހިއްސާ ކުރާ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ)ގައި މިއަހަރުގެ ޖޫން މަހުން ފެށިގެން މަސްރަހު އިންތިހާއަށް ނުތަނަވަސް ވީ ފަހުން، ދެ ގައުމުގެ އިސް ލީޑަރުން އެއް ޕްލެޓްފޯމަކުން ބައްދަލު ކުރައްވާ ފުރަތަމަ ބައްދަލު ކުރެއްވުން ތަކަށެވެ.

މާޒީ އަށް ބަލާއިރު މިފަދަ ބައްދަލުވުންތަކުގެ ހަވާސާގައި އިސް ލީޑަރުން ބައްދަލު ކުރެއްވި ނަމަވެސް، މިފަހަރުގެ ބައްދަލުވުންތަކުގެ ހަވާސާގައި އެފަދަ ބައްދަލުކުރެއްވުމަށް ތާވަލު ކުރައްވާފައެއް ނެތެވެ.