ސައްހަ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހަބަރާއި އެނަލިސިސް މައުލޫމާތު ގެނެސްދިނުން ބަރޯސާވެފައި އޮންނަނީ ނޫސްވެރިންނަށް ކަށަވަރު ކޮށްދީފައި އޮންނަ ހިމާޔަތާއި ރައްކާތެރި ކަމުގެ މައްޗަށް ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުއްޖެއެވެ.
ނޫސްވެރިންނަށް ކުރާ ގޯނާއަށް އަދަބު ނުދެވި އޮންނަ އޮތުމަށް ނިމުމެއް ގެނައުމަށް ބާރު އެޅުމުގެ ގޮތުން، އދ އިސްވެ އޮވެ، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރަމުން އަންނަ އިންޓަނޭޝަނަލް ޑޭ ޓު އެންޑް އިމްޕިއުނިޓީ ފޮ ކްރައިމްސް އަގެއިންސްޓް ޖާނަލިސްޓްސް ގެ މުނާސަބާއަށް ދެއްވި ހާއްސަ މެސެޖުގައި ގުޓެރޭޒް ވިދާޅުވީ، ސައްހަ މައުލޫމާތުގެ މައްޗަށް ބިނާވާ ހަބަރު ގެނެސްދެވެން އޮތީ މިނިވަންކަމާއެކު ރިޕޯޓް ކުރަމަށް ނޫސްވެރިންނަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރު ވެގެން ކަމަށެވެ. ވަކި ފަރާތެއް ދެކެ ބިރު ގަތުމާއި، ވަކި ފަރާތަކަށް ބުރަވުމުން އެއްކިބާވެފައިވާ ނޫސްވެރިކަމުގެ އަސާސަކީވެސް މިއީ ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ.
ނޫސްވެރިންނަށް ކުރާ ގޯނާއަށް ޖިނާއީ އަދަބު ނުދެވި އޮންނަ އޮތުމަށް ނިމުމެއް ގެނައުމަށް ހާއްސަ ދުވަހެއް ފާހަގަ ކުރަމުންދާ މި ދަނޑިވަޅަކީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ބަލިމަޑުކަމުގެ އަސަރު، ހުރިހާ ދާއިރާއަކަށް ވެސް ފޯރާފައިވާ ދަނޑިވަޅެކެވެ. މިކަމުގައި ނޫސްވެރިކަންވެސް އިސްތިސްނާ ނުވާ ކަން، އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ނޫސްވެރިންނާއި މީޑިއާގެ ހިދުމަތްތެރިންނަށް ކުރިމަތިލާން ޖެހިފައި ވާ އިތުރު ނުރައްކާތައް އަންގައިދޭ ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ. މި ބަލިމަޑުކަމުގެ ތެރޭގައިވެސް ހަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ހަރަކާތްތެރި ވަމުން ދިޔަ ނޫސްވެރިންނަށް އަމާޒުކޮށް، ހަމަލާތަކެއް ދީފައި ވާކަން އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން، މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހަށް ބަލާއިރު، މުޒާހަރާތައް ކަވަރު ކުރަމުންދިޔަ ނޫސްވެރިންނަށް އަމާޒުކޮށް 21 ހަމަލާއެއް ދީފައި ވާ ކަމަށާ، މިއީ 2017 ވަނަ އަހަރުގެ މުޅި އަހަރު ދުވަހުގެ ރެކޯޑް ކަމަށްވެސް ގުޓެރޭޒް ވިދާޅުވިއެވެ.
ނޫސްވެރިންނަށް ކުރިމަތިލާން ޖެހިފައިވާ އިތުރު ނުރައްކާ ތަކަށް އިޝާރާތް ކުރައްވަމުން ގުޓެރޭޒް ވިދާޅުވީ، ހައްޔަރު ކުރުމާ، ޝަރީއަތް ހިންގުމާ، ޖަލަށް ލުމާ، ނޫސްވެރިންނަށް އޮންނަ އިމްތިޔާޒުތަކުގެ ބޭނުން ކުރުމަށް ހުރަސް އެޅުމާ، ނޫސްވެރިންނަށް ކުރާ ގޯނާއަށް އިންސާފު ހޯދާ ދިނުމަށް ފެއިލްވުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.
ނޫސްވެރިންނަށް ހަމަލާ އަމާޒު ވުމުގެ އަގު އަދާ ކުރަން ޖެހެނީ މުޖުތަމައުތަކުން ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ. ނޫސްވެރިންނަށް ހިމާޔަތް ނުދެވިއްޖެ ނަމަ، މައުލޫމާތުގެ އުނިކަން ކުރިމަތިވެ، ބިނާކުރަނިވި ނިންމުންތައް ނިންމުމަށް ހުރަސް އެޅޭނެ ކަން ގުޓެރޭޒް ވަނީ ފާހަގަ ކުރައްވާފައެވެ. ރައްކާތެރިކަމާއެކު ވަޒީފާ އަދާ ކުރުމުގެ ފުރުސަތުން ނޫސްވެރިން މަހްރޫމު ކުރެވިއްޖެނަމަ، މިފަދަ ބަލިމަޑުކަމެއްގައި ފެތުރިގެންދާ ދޮގު ޚަބަރާ ދެކޮޅަށް ނަގާނެ އައްޑަނަވެސް ގެއްލިދާނެ ކަމަށް ގުޓެރޭޒް ވަނީ އިންޒާރު ކުރައްވާފައެވެ.
ދުވަހާ ގުޅުވައިގެން ދެއްވި ހާއްސަ މެސެޖުގައި އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ، ބަލިމަޑުކަމެއްގައި ދުނިޔެ ބެދިފައިވާ މި ދަނޑިވަޅުގައި، ސުލްހައާއި އިންސާފު ގާއިމުކޮށް، ދެމެހެއްޓެނިވި ތަރައްގީއާއި އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށް މިނިވަން ނޫސްވެރިކަމަށް ފުރުސަތު ދިނުމަށް ގޮވާލައްވާ ގޮވާލެއްވުން ތަކުރާރު ކުރައްވާފައެވެ.
ނޫސްވެރިކަމުގެ މިނިވަން ކަމަށް އަމާޒުކޮށް އދއިން ކުރިއަށް ގެންދާ ހާއްސަ ކޮންފަރެންސް ތާވަލު ކޮށްފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 9 އަދި 10 ވަނަ ދުވަހަށެވެ.
ނޫސްވެރިންނަށް ކުރާ ގޯނާއަށް ޖިނާއީ އަދަބު ނުދެވި އޮންނަ އޮތުމަށް ނިމުމެއް ގެނައުމަށް ހާއްސަ ދުވަހެއްގެ ގޮތުގައި ނޮވެމްބަރު މަހުގެ 2 ވަނަ ދުވަސް ފާހަގަ ކުރަނީ، މާލީގައި މަސައްކަތް ކުރަމުންދިޔަ 2 ނޫސްވެރިއަކު މަރާލި ހާދިސާއަށް ނިސްބަތްކޮށެވެ.
ބައިނަލްއަގުވާމީ ފެންވަރެއްގައި ބަލާއިރު، ނޫސްވެރިންނަށް ކުރާ ގޯނާގެ މައްސަލަތައް ރިޕޯޓް ކުރި ކަމުގައި ވީ ނަމަވެސް، ކޮންމެ 10 މައްސަލައަކުން 9 މައްސަލައެއްގައި ދައުވާ ލިބޭ ފަރާތަށް އަދަބެއް ނުދެވެއެވެ.