އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރާ 2-1 އަކުން ވެސްޓް ހޭމްބަލިކޮށް ލިވަޕޫލް ލީގު ތާވާލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

މެޗުގެ 10 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ނެގި މިސީޒަންގައި ރަނގަޅު ފޯމެއްގައި އޮތް ވެސްޓް ހޭމުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕަބްލޯ ފޯނެލްސްއެވެ.

ފުރަތަމަ ހާފްގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ލިވަޕޫލުން ކުޅުނު ނަމަވެސް އެޓީމަށް މާގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. ލިވަޕޫލުން މެޗުގެ ސްކޯ އެއްވަރު ކުރި ލަނޑު އެޓީމަށް ޖަހާ ދިނީ ލިބުނު ޕެނަލްޓީއަކުން މުހައްމަދު ސަލާހެވެ.

1-1 ފުރަތަމަ ހާފް ނިމިގެން ދިޔަ އިރު ދެވަނަ ހާފްގައި ލިވަޕޫލުން ތަންކޮޅެއް ގިނަ ހަމަލާތައް އުފެއްދި ނަމަވެސް ވެސްޓް ހޭމްއިން އުފެއްދި މަދު ހަމަލާތައް ވެސް އެހާމެ ނުރައްކަލެވެ.

މެޗުގެ ނަތީޖާ ލިވަޕޫލުގެ ކޮޅަށް އަނބުރާލީ ކޮޗު ޔާގަން ކްލޮޕް ގެނައި ބަދަލެވެ. މި ގޮތުން އެރި ޝަޤީރީ އާ ޑިއާގޯ ޖޮޓާ އެކުވެގެން އުފެއްދި ހަމަލާ 85 ވަނަ މިނެޓްގައި ގޯލުގެ ތެރެއަށް ވައްދާލައިގެން ލިވަޕޫލު މޮޅު ކޮށްދިނީ މި ދެކުޅުންތެރިންނެވެ.

މިއީ، މިސީޒަންގައި ލިވަޕޫލާ ގުޅުނު ޖޮޓާ ޓީމަށް ޖެހިޖެހިގެން ލަނޑު ޖަހާ ދިން ތިން ވަނަ މެޗެވެ.

ރޭގެ މެޗުގައި ލިވަޕޫލަށް ފުރަތަމަ ފަހަރަށް ކުޅުނު ޑިފެންޑަރު ނެޓް ފިލިޕްސް ވަނީ މޮޅު ކުޅުމެއް ދައްކާ މޭން އޮފް ދަ މެޗްގެ އެވޯޑް ހޯދާފައެވެ. ލިވަޕޫލުގެ ފުރަތަމަ ޓީމަށް ކުޅޭ ތިން ޑިފެންޑަރުން ވެސް މި ވަގުތު އިންޖަރީ ވެފައިވާ އިރު 23 އަހަރުގެ ކުޅުންތެރިޔާގެ ފަރާތުން ދެއްކި ކުޅުމާ މެދު ވަރަށް ހިތް ހަމަ ޖެހާ ކަމަށް ކޯޗު ކްލޮޕް ބުންޏެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު މިދިޔަ ސީޒަންގެ ޗެމްޕިއަން ލިވަޕޫލް މިވަނީ ތާވާލުގެ އެއްވަނަ އަށް ޖެހިލާފައެވެ. އެއީ ކުޅުނު 7 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ.

ވެސްޓް ހޭމް އޮތީ 8 ޕޮއިންޓާއެކު ތާވާލުގެ 13 ވަނައިގައެވެ.