ދުނިޔޭގެ އެންމެ އެތެރެ ސަތަހާގައި ވިރިކެކި އަނދަމުންދާ މައުދަންތަކާ ބެހޭ މައުލޫމާތުތަކެއް ލިއްބައިދޭނޭ ކަމަށް ސައެންސްވެރިން ގަބޫލުކުރާ ގިނިހިލަ – "ސައިކީ" ދަތުރު ކުރަމުން ދަނީ ދުނިޔެއާއި އިރާ ދެމެދު ވާ ދުރުމިނަށް ވުރެ 3 ގުނަ ދުރު ރާސްތާ އަކުންނެވެ.
ދަ ޕްލެނެޓަރީ ސައެންސް ޖާނަލްގައި އާންމު ކޮށްފައިވާ އާ ދިރާސާ ބުނާ ގޮތުގައި އެސްޓެރޮއިޑް 16 ސައިކީ އަކީ، ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމްގެ ގިނިހިލަ ބެލްޓުގައި ދައުރުވަމުން ދާ އެންމެ ބިޔަ އެއް ގިނިހިލައެވެ. މި ގިނި ހިލައިގެ ވަށަމިނުގައި ހުރަހަށް، އެއްކޮޅުން އަނެއް ކޮޅަށް (ޑައެމީޓަރުގައި) 140 ކިލޯމީޓަރު ހުރެއެވެ.
ސައިކީ އުފެދިފައި ވަނީ ކަނޑައެޅި ކޮން މާއްދާތަކަކުން ކަން އަދި ކަށަވަރެއް ނުކުރެވެއެވެ. ނަމަވެސް، މި ގިނިހިލައަކީ ދަގަނޑާއި ނިކަލްއިން އުފެދިފައިވާ ގިނިހިލައެއް ކަމަށް ސައެންސްވެރިން ގަބޫލުކުރެއެވެ. މި ޒާތުގެ، މި ބޮޑު މިނުގެ ގިނިހިލަގަނޑެއްގެ އަގު، 10000 ކުއަޑްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ. މިއީ މުޅި ދުނިޔޭގެ އިގުތިސޯދަށް ވުރެވެސް ބޮޑު އަގެކެވެ.
ސައިކީ ގައި އެކުލެވޭ މާއްދާތައް ގާތުން ބަލާ، ދިރާސާ ކުރުމަށް، ނާސާގެ ޖައްވީ އުޅަނދެއް، 2022 ވަނަ އަހަރު ސައިކީ އަށް ދަތުރު ކުރާނެއެވެ. މި މިޝަން، ސައިކީއަށް ދަތުރު ކުރާނީ އިންސާނަކާ ނުލައެވެ. މި މިޝަން ކުރިއަށް ގެންދިއުމަށް ކުރިން ރާވާފައި އޮތީ 2023 އަށެވެ. ނާސާއިން ސައިކީއަށް ކުރާ ދަތުރުގައި ބޭނުން ކުރާ ޖައްވީ އުޅަނދަށް ސައިކީއަށް ދެވޭނީ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހު ކަމަށް ލަފާ ކުރެވެއެވެ. އަދި ގިނިހިލައިގެ އޯބިޓްގައި 21 މަސްދުވަސް ހޭދަ ކުރާނެ ކަމަށްވެއެވެ. މި މިޝަން ވެގެންދާނީ ސައިކީގެ ފޮޓޯ އެއްވެސް ނެނގޭ ފުރަތަމަ މިޝަންއަށެވެ. ނާސާއިން ދަނީ ފޮޓޯ ލިބޭހާ އަވަހަކަށް އާންމު ކުރުމަށްވެސް ވިސްނަމުންނެވެ.
ކަން މިހެން އޮތްއިރު، ސައިކީގެ މަންޒަރުތަކެއް، ހަބަލް ޓެލެސްކޯޕުން ބަލައިގެން އެކުލަވާލާފައިވާ އާ ދިރާސާއެއްވެސް ދަ ޕްލެނެޓަރީ ސައެންސް ޖާނަލްގައި ވަނީ އާންމު ކޮށްފައެވެ. މި ދިރާސާގައި، ގިނިހިލައިގެ ދެ ފަރާތްވެސް ބަލާފައިވެއެވެ.
ސައިކީ ދުނިޔެއަށް ގެނައުމުގެ ގާބިލިއްޔަތުކަން ލިބިފައި ނުވާ ކަމަށް ނާސާއިން އެއްބަސްވެއެވެ. އަދި ސައިކީގައި މައިންކޮށްގެން މައުދަންތައް ދުނިޔެއަށް ގެނައުމުގެ އަމާޒެއްވެސް ނާސާގައި ނެތެވެ. ޖައްވުގައި ދަތުރު ކުރަމުންދާ މިފަދަ ތަކެތި މައިން ކޮށްގެން މައުދަންތައް ދުނިޔެއަށް ގެނައުމުގެ ފިކުރަކީ ބައެއް ސައެންސްވެރިން ގެންގުޅޭ ފިކުރެކެވެ.