ރާއްޖޭން ފޮނުވި ސީޕްލޭންގައި އިންޑިއާގައި ސީޕްލޭން ހިދުމަތް އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ފައްޓަވައި ދެއްވައިފިއެވެ.

އިންޑިއާގައި ސީޕްލޭންގެ ހިދުމަތް މިއަދު ފަށާފައިވާއިރު އެދަތުރު ކޮށްފައިވަނީ އިންޑިއާގެ އަހުމަދުއާބާދުގެ ސަބަރުމަތީ ވޯޓާ ފްރަންޓާއި ކެވަޑިއާގެ ސްޓެޗޫ އޮފް ޔުނިޓީއާ ދެމެދެވެ.

އިންޑިއާގެ ފުރަތަމަ ސީޕްލޭން ޕްރޮޖެކްޓް ފެށުމަށް ރާއްޖެއިން އެހީ ހޯދާފައިވާއިރު ރާއްޖެއަކީ ސީޕްލޭން ދުއްވުމުގެ ދާއިރާގައި އެންމެ ކާމިޔާބު އެއް ގައުމު ކަމުގައި އިންޑިއާގެ ހައިކޮމިޝަނުން ވަނީ ބުނެފައެވެ. އެގޮތުން މޯލްޑިވިއަންގެ ހާއްސަ ސީޕްލޭން ފްލައިޓެއް މިދިޔަ އާދިއްތަ ދުވަހު އިންޑިއާ އަށް ވަނީ ގޮސްފައެވެ.

އިންޑިޔާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީގެ ހާއްސަ ދަތުރުފުޅަކަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭނެއް ޗާޓަރު ކުރުމަކީ އިންޑިޔާ އާއި ރާއްޖެއިން އެއްގައުމު އަނެއްގައުމަށް ކުރާ އިހްތިރާމް ރަމްޒު ކޮށްދޭ ކަމެއް ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން ހިންގަމުން އަންނަ ކުންފުނި އައިލެންޑް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑީރެކްޓަރު މުހައްމަދު ރިޒްވީ ވަނީ ވިދާޅުވެފައެވެ.

ރިޒްވީ ވިދާޅުވީ އިންޑިޔާގެ ސްޕައިސް ޖެޓް ކުންފުނިން މޯދީގެ ދަތުރުފުޅަކަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓެއް ޗާޓަރު ކުރުމަށް އިޝާރާތް ކުރައްވާ ރިޒްވީ ވިދާޅުވީ އިންޑިޔާއިން ބޭނުން ނަމަ ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ސީޕްލޭން ޗާޓަރު ކުރެވޭނެ ކަމަށާއި، ސީޕްލޭންގެ ހިދުމަތް ދެމުންގެންދާ އެތައް ގައުމެއް އޮތް ނަމަވެސް އަވަށްޓެރި އިންޑިޔާއިން ދިވެހިރާއްޖޭގެ ގައުމީ އެއާލައިން އިހްތިޔާރުކުރި ކަމީ ދިވެހިންނަށް ލިބިގެން ދިޔަ ފަހުރަކާއި ޝަރަފެއްކަމަށެވެ.

ސްޕައިސްޖެޓްގެ އެދަތުރުގެ އިތުރުން، އިންޑިޔާގައި ސީޕްލޭން ފެށުމަށް ފަންނީ އެހީ އެގައުމަށް ބޭނުންވާނަމަ އެކަން ފޯރުކޮށްދޭނެ ކަމަށާ އެފަދަ މަޝްވަރާތަކެއް މިހާރު ވެސް ކުރިއަށްދާ ކަމަށް ރިޒްވީ ވިދާޅުވިއެވެ.

އިންޑިއާގެ ހައި ކޮމިޝަނުން ބުނިގޮތުގައި އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ދޭނީ އެ ގައުމުގެ ސްޕައިސް ޖެޓް އެއާލައިނުންނެވެ. އަދި ދުވާލަކު އަށް ދަތުރު ބާއްވާއިރު މި ދަތުރުތަކަށް ބޭނުން ކުރާނީ 19 ސީޓުގެ ބޯޓުތައް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.