މިޔަންމާގެ ގަތުލުއާންމުން ސަލާމަތްވުމަށް ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދުގައި ރެފިއުޖީންގެ ގޮތުގައި ހިމާޔަތް ހޯދަމުން އަންނަ ރޯހިންޏާ ރެފިއުޖީން، ވަކިން އޮތް ޖަޒީރާ ރަށަކަށް ބަދަލު ކުރުމުގެ އަމަލީ މަސައްކަތް، ބަންގްލަދޭޝްގެ ސަރުކާރުން ފަށައިފިއެވެ.

ރޯހިންޏާ ރެފިއުޖީންގެ ނުރުހުމުގައި، ބަންގްލަދޭޝްގެ ސަރުކާރުން އެ ރެފިއުޖީން ބަދަލު ކުރަމުންދަނީ ފެންބޮޑުވުމުގެ ކާރިސާތަކުގެ ބިރު އިންތިހާއަށް ކުރިމަތިވާ ބަސާން ޗާރް އޭ ކިއުނު ރަށަށެވެ. މި ރަށަކީ ބަންގްލަދޭޝްގެ އައްސޭރި ފަށުން 37 މޭލު ބޭރުގައި އޮންނަ ރަށެކެވެ.

ރޯހިންޏާ ރެފިއުޖީން ރީލޮކޭޓް ކުރުމަށް ބަންގްލަދޭޝް ސަރުކާރުން ތަރައްގީ ކޮށްފައި ވާ ސިޓީ / ފޮޓޯ: މެކްސާ ޓެކްނޮލޮޖީ | ބީބީސީ

ކަނޑުގެ ލޮނުގަނޑުން މައްޗަށް އެންމެ 2 މީޓަރު އުފުލިފައިވާ މި ރަށް ފާޅުވީ މީގެ އެންމެ 20 އަހަރު ކުރިންނެވެ. މި ރަށް އުފެދިފައިވަނީ ހިމާލަޔާސް ފަރުބަދައިން، ކޯރަށް އެޅި، ކަނޑަށް ފައިބާ މަށިކުނޑި ޒާތުގެ ވެއްޔަކުންނެވެ.

ބަންގްލަދޭޝްގެ ސަރުކާރުން ފާއިތުވީ 3 އަހަރެއްހާ ދުވަސް ހޭދަ ކުރީ މި ރަށުގައި ރޯހިންނާ ރެފިއުޖީންނަށް ހާއްސަ "ސަހަރެއް" އެޅުމުގެ މަސައްކަތުގައެވެ. މިއީ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށް ޚަބަރު ލިބެއެވެ.

ބަންގްލަދޭޝްގެ އައްސޭރި ފަށުން 37 މޭލު ބޭރުގައި ބަސާން ޗާރް އުފެދެނީ / ފޮޓޯ: މެކްސާ ޓެކްނޮލޮޖީ | ބީބީސީ

ބަސާން ޗާރް އޭ ކިއުނު ރަށަށް ރެފިއުޖީން ބަދަލު ކުރުމާ ދެކޮޅަށް ބައެއް ޖަމާއަތްތަކުން އަޑުއުފުލި ކަމުގައި ވީ ނަމަވެސް، ބޮޑުވަޒީރު ޝައިހް ހަސީނާ ގެންދަވަނީ ސަރުކާރުގެ ޕްލޭން ދިފާއު ކުރައްވަމުންނެވެ. އެގޮތުން މިލިއަނެއްހާ ރެފިއުޖީން ކޮކްސް ބާޒާރު ސަރަހައްދުގައި އުޅޭ އިރު، ނުރައްކާ ދަރަޖައަކަށް އެ ސަރަހައްދުގެ މަސްރަހު ނުތަނަވަސް ވެފައި ވާ ކަމަށް ހަސީނާ ވިދާޅުވެއެވެ. އެގޮތުން ޑްރަގްގެ މައްސަލައާއި، އިންސާނީ ވަގުފާރީގެ ޖަރީމާ ހިންގާ ކަމަށްވެސް ބަންގްލަދޭޝްގެ ސަރުކާރުން ބުނެއެވެ.

ރޯހިންޏާ ރެފިއުޖީން ރީލޮކޭޓް ކުރުމަށް ބަންގްލަދޭޝް ސަރުކާރުން ތަރައްގީ ކޮށްފައި ވާ ސިޓީ / ފޮޓޯ: ބީބީސީ

ނަމަވެސް ރޯހިންޏާ ރެފިއުޖީން ބުނަމުންދަނީ، ބަސާން ޗާރް އޭ ކިއުނު ރަށަށަކީ ޖަލެއް ކަމަށެވެ. މި ރަށުގައި މިހާރު ރޯހިންޏާ ދަރިކޮޅުގެ 306 ރެފިއުޖީއަކު ދިރިއުޅެމުންދަނީ އެމީހުންގެ ރުހުމަކާ ނުލާ ކަމަށް ވެއެވެ. ކަން މިހެން އޮތް އިރު، ބަންގްލަދޭޝްއިން ދަނީ މި ސަރަހައްދު ޕްރޮމޯޓް ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

މިޔަންމާއިން ބުނާ ގޮތުގައި ރޯހިންޏާ މުސްލިމުންނަކީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ނަމަވެސް ބަންގްލަދޭޝްއިންވެސް ދަނީ އެއީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށް ބަލައިގަތުމަށް އިންކާރު ކުރަމުންނެވެ.