މޯބައިލް ފޯނުން ގޭމް ކުޅުމަށް ޝައުގުވެރިކަން ހުންނަ މީހުންގެ މެދުގައި ބޮޑު މަގުބަލޫކަމެއް ހޯދާފައިވާ މަޝްހޫރު ގޭމް، "ޕަބްޖީ" ގެ "ޕަބްޖީ މޯބައިލް" އަދި "ޕަބްޖީ މޯބައިލް ލައިޓް" މިއަދު ފަށައިގެން އިންޑިއާގައި ބޭނުން ނުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ސަލާމަތީ މައްސަލަތަކެއް އުޅޭ ކަމަށް ބުނެ، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން "ޕަބްޖީ" މަނާ ކުރީ މީގެ ދެމަހެއްހާ ދުވަސް ކުރިންނެވެ.

"ޕަބްޖީ މޯބައިލް" އިން އާންމު ކޮށްފައި ވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވަނީ، "ޕަބްޖީ މޯބައިލް" އަދި "ޕަބްޖީ މޯބައިލް ލައިޓް" ގެ ހިދުމަތް، އިންޑިއާގެ ހުރިހާ ޔޫޒާސްއަކަށް ބަންދުވާނެ ކަމަށެވެ.

ސަލާމަތީ މައްސަލަތަކެއް އުޅޭ ކަމަށް ބުނެ، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން "ޕަބްޖީ" މަނާ ކުރި ނަމަވެސް "ޕަބްޖީ މޯބައިލް" އިން ބުނާ ގޮތުގައި އެ ގޭމިންގް އެޕްލިކޭޝަނަކީ ޔޫޒާސްގެ މައުލޫމާތަށް ރައްކާތެރިވާ ގޭމިންގް އެޕްލިކޭޝަނެއް ކަމަށެވެ. އަދި މިކަން ކަށަވަރު ކޮށްދީފައިވަނީ އިންޑިއާގެ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

މިހާލަތުގައި ނިންމަން ޖެހުނު ނިންމުމާ މެދު އިންތިހާއަށް ހިތާމަ ކުރާ ކަމަށް "ޕަބްޖީ މޯބައިލް"ގެ ބަޔާނުގައިވެއެވެ. "ޕަބްޖީ މޯބައިލް" އަދި "ޕަބްޖީ މޯބައިލް ލައިޓް"ގެ އިންޑިއާ ސާވާތައް ޑައުންކޮށްލާފައިވާއިރު، މިހާތަނަށް އެޕްލިކޭޝަން ޑައުންލޯޑް ކޮށްފައިވާ ފަރާތްތަކަށްވެސް ދެން މި ގޭމް ނުކުޅެވޭނެއެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އިގުތިސޯދުގެ މަގާމަށް ފައި ވިއްދައިގެން އޮތް ޗައިނާގެ އެޕްލިކޭޝަންތައް ބޭނުން ކުރުން މަނާ ކުރުމަށް އަވަށްޓެރި އިންޑިއާއިން ފަށާފައިވާ ވަރުގަދަ ކެމްޕޭންގެ ތެރެއިން، ޕްލޭޔާއަންނޯންސް ބެޓްލްގްރައުންޑްސް (ޕަބްޖީ) މޯބައިލް ގޭމްގެ ބަދަލުގައި، ފިއާލަސް އެންޑް ޔުނައިޓަޑް-ގާޑްސް (ފައުޖީ) ތައާރަފު ކުރުމަށް ހަމަޖެހިފައިވާކަން، ބޮލީވުޑްގެ މަޝްހޫރު ބަތޮލް، އަކްޝޭ ކުމާރު ހާމަ ކުރީ މިއަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ޕްލޭޔާއަންނޯންސް ބެޓްލްގްރައުންޑްސް (ޕަބްޖީ) މޯބައިލް ގޭމްގެ ބަދަލުގައި، އިންޑިއާއިން ތައާރަފުކުރާ ފިއާލަސް އެންޑް ޔުނައިޓަޑް-ގާޑްސް (ފައުޖީ) ގެ މަންޒަރެއް/ފޮޓޯ: ފަސްޓްޕޯސްޓް

ޕަބްޖީ މޯބައިލްއާއި ޕަބްޖީ މޯބައިލް ލައިޓްއާއި، ޗައިނާއާ ގުޅުން އޮންނަ އިތުރު 116 އެޕްލިކޭޝަނެއް ބްލޮކް ކުރުމަށް އިންޑިއާގެ ސަރުކާރުން ނިންމިއިރު، ޕަބްޖީއަކީ، އިންޑިއާގެ މޯބައިލް ގޭމަރުންގެ މެދުގައި އިންތިހާއަށް މަގުބޫލު ގޭމެއްކަން ފާހަގަކުރަންޖެހެއެވެ.

އޮކްޓޯބަރު މަހުގެ ފަހުކޮޅު ލޯންޗުކުރުމަށް ހަމަޖެހިފައިވާ ފައުޖީ ގޭމްގެ ފުރަތަމަ މަރުހަލާގެ ސީން ސެޓް ކޮށްފައި ވަނީ، ގަލްވާން ވާދީ ސަރަހައްދުގައެވެ.