ބައިބައިވެފައި އޮތް ބައިނަލްއަގުވާމީ އިޖުތިމާއީ ފޭރާން އެކަތިގަނޑަކަށް ހަދާލި އެއްކައްޗަކީ، ހަމަ ލޮލަށްވެސް ނުފެންނަ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އޭ ދެންނެވުމަކުން ގޯހެއް ނެތެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 45 މިލިއަންގެ ފާހަގަ ހުރަސް ކޮށްފައި ވާއިރު، ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުންވެސް ދަނީ މި ބައްޔާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. މި ހާލަތުގައި މުޅި ދުނިޔެ ބަނދެވިފައިވާއިރު، ފާއިތުވީ 200 ދުވަހުގެ ތެރޭގައި ލޯކަލް ޓްރާންސްމިޝަންގެ އެންމެ ކޭހެއްވެސް ނުކޮތް އޮތް ސަރަހައްދަކީ ކޮވިޑް-19 ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ޗައިނާއާ މާ ދުރު ނޫން ހިސާބެއްގައި އޮތް ޓައިވާންއެވެ.
ކޮވިޑް-19 އަށް ޓައިވާންއިން ދެމުންދާ އިޖާބައަށް ބައިނަލްއަގުވާމީ ތައުރީފު ލިބެނީ ސަބަބެއް ނެތިއެއް ނޫނެވެ. 23 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ޓައިވާންއިން ކޮވިޑް-19ގެ ލޯކަލް ޓްރާންސްމިޝަން ކޭހެއް އެންމެ ފަހުން ރިޕޯޓް ކުރީ އޭޕްރިލް މަހުގެ 12 ވަނަ ދުވަހުއެވެ.
ބުރާސްފަތި ދުވަހުގެ ނިޔަލަށް ޓައިވާންއިން ރެކޯޑް ކޮށްފައިވަނީ ކޮވިޑް-19ގެ އެންމެ 553 ކޭހެވެ. މީގެ ތެރެއިން ލޯކަލް ޓްރާންސްމިޝަންގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ 55 ކޭހެކެވެ. ކޮވިޑް-19 ޖެހިގެން ޓައިވާންއިން 7 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް ރެކޯޑް ކޮށްފައިވެއެވެ. އާބާދީގެ ގޮތުން ބަލާއިރު ޓައިވާން އާ ދާދި އެއްވަރުގެ އާބާދީއެއް އޮތް އެއް ސަރަހައްދަކީ އެމެރިކާގެ ފްލޮރިޑާ ސްޓޭޓްއެވެ. 21 މިލިއަން މީހުންގެ އާބާދީއެއް އޮތް ފްލޮރިޑާއިން ބުދަ ދުވަހު އެކަނިވެސް 4188 ކޭސް ވަނީ ރެކޯޑް ކޮށްފައެވެ.
މިހާ ހިސަބުން ފާހަގަ ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ، ޓައިވާންއަކީ ކޮވިޑް-19އާ ގުޅިގެން އެއްވެސް އިރެއްގައި ހަރުކަށި ލޮކްޑައުން އަކަށް ދިޔަ ބައެއް ނޫން ކަމެވެ. މަދަނީ މިނިވަންކަމަށް ހުރަސް އަޅަނިވި މާ ބޮޑު ފިޔަވަޅުތަކެއްވެސް ޓައިވާނުން އަޅާފައެއް ނުވެއެވެ.
އެހެން ވީ އިރު، ކޮވިޑް-19 އާ ދެކޮޅަށް ޓައިވާންއިން ބެހެއްޓީ ކޮން ހަތިޔާރެއް ހެއްޔެވެ؟ ޖަވާބު ވަރަށް ކުރެވެ. ކޮވިޑް-19އާ ޓައިވާންއިން ކުރިމަތިލީ، އިޖާބައިގެ ފަލްސަފާގެ ސުރުހީ އަކަށް "ދުވެލި" ނުވަތަ "ސްޕީޑް" ހަދައިގެންނެވެ. ޗައިނާގެ ވޫހާން ސިޓީގައި އާދަޔާ ހިލާފު ރޯގާއެއް ފެތުރެމުންދާ ކަމުގެ ޚަބަރު އާންމުވުމާއެކު، އެކަމަށް އެންމެ ފުރަތަމަ ފިޔަވަޅު އެޅި ފަރާތްތަކުގެ ތެރޭގައި ޓައިވާން ހިމެނެއެވެ.
ޓައިވާންގެ ސިއްހަތާ ބެހޭ އޮފިޝަލުންނާ ތަޖުރިބާކާރުންގެ ދުރުވިސްނުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރަން ފެށިއިރު، އެހެން ގައުމުތަކުން އަދި އޮތީ މަޝްވަރާގެ މަރުހަލާގައެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޓައިވާންއިން އެންމެ ފުރަތަމަވެސް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ޗައިނާއިން އަންނަ ފްލައިޓްތައް ހުއްޓުވާލި ހުއްޓުވާލުން ފާހަގަކުރަންޖެހެއެވެ. ދުވަސްވަރަކީ ޗައިނާގެ އާ އަހަރުގެ މުނާސަބާގެ ދުވަސްވަރުކަމުން ޗައިނާއިން ބޭރަށް ކުރާ ދަތުރުތައްވެސް އޮތީ އިންތިހާއަށް އިތުރުވެފައެވެ. ޓައިވާންއިން ބަނދަރުތައް ލޮކްކޮށް، ކުރޫޒްތަކަށް ޑޮކް ނުކުރެވޭ ގޮތް ހެދިއެވެ. އަދި ކަރަންޓީނުގެ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކަށް ހަރުކަށި އަދަބުތަކެއް ދޭން ފެށިއެވެ.
ޓައިވާންއިން ކޮވިޑް-19ގެ ކޭހެއް އެންމެ ފުރަތަމަ ރިޕޯޓްކުރީ ޖަނަވަރީ 21 ވަނަ ދުވަހުއެވެ. ވޫހާންއިން ޓައިވާންއަށް ދަތުރުކުރުން މަނާ ކުރީ މިހާ ހިސާބުންނެވެ. ޗައިނާއިން އަންނަ ހުރިހާ ފަސެންޖަރުން ސްކްރީން ކުރަން ފެށިއެވެ. ޚުދު ވޫހާންވެސް ލޮކްޑައުން އަކަށް ދިޔައީ ޓައިވާންއަށް ވުރެ ފަހުން، ޖަނަވަރީ 23 ވަނަ ދުވަހުއެވެ.
ހަށި ރައްކަލަށް ބޭނުންކުރާ އާލާތްތައް އެތެރޭގެ ބާޒާރުތަކުގައި އުފައްދާ މިންވަރު އިތުރު ކުރީ އިންތިހާއަށެވެ. ޓައިވާންއަށް އެކަށީގެންވާ މިންވަރަށް ސްޓޮކް ކަށަވަރު ކުރުމަށްފަހު، އެމެރިކާ، އިޓަލީވިލާތް، ސްޕެއިންގެ އިތުރުން ވިލާތުގެ އިތުރު ގައުމުތަކާ ކުދި ގައުމުތަކަށް މިތަކެތި ހަދިޔާ ކުރުމުގެ މަސައްކަތްވެސް ޓައިވާންއިން ގެންދިޔައީ ކުރިއަށެވެ. މުޅި ޓައިވާންގައި ފުޅާ ދާއިރާއެއްގައި ބައްޔަށް ޓެސްޓު ކުރަން ފެށިއެވެ.
ޓައިވާންއިން ދިޔައީ ލިބެމުންދާ އެންމެ ފަހުގެ މައުލޫމާތަށް ބަލާ، ސިޔާސަތުތައް ކަނޑައަޅާ ތަންފީޒު ކުރަމުންނެވެ. އާންމުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދެމުންނެނެވެ. ނަތީޖާއަކަށްވީ މިއަދު ކޮވިޑް-19 އެންމެ ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ސަރަހައްދުތަކުގެ ތެރޭގައި ޓައިވާން ހިމެނިގެން ދިއުމެވެ. ލޯކަލް ޓްރާންސްމިޝަންއެއް ނުހިނގާތާ 200 ހަމަ ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ.
ޓައިވާންއަކީ ޑަބްލިއު.އެޗް.އޯގެ މެމްބަރެއްވެސް ނޫނެވެ. ޗައިނާއިން ޓައިވާންގެ މައްޗަށް އަތްގަދަ ކޮށްފައި އޮންނަ އޮތުމެއްގެ ސަބަބުން ބައިނަލްއަގުވާމީ ޑޮޕްލޮމަސީގައި ޓައިވާން އޮންނަނީ އެކަހެރިވެފައެވެ. ޗައިނާއިން ވަކާލާތު ކުރާ ގޮތުގައި އެއީ ޗައިނާގެ ބައެކެވެ. އަދި ޗައިނާގެ ދަށަށް ދިއުމަށް ޓައިވާންއިން އިންކާރު ކުރާހާ ދުވަހަކު ޓައިވާންއަކަށް ބައިނަލްއަގުވާމީ އިދާރާތަކާ ޖަމިއްޔާތަކުގައިވެސް ބައިވެރިއެއް ނުވެވެއެވެ. އެހެންކަމުން، ކޮވިޑް-19އާ ޓައިވާން ކުރިމަތިލީ ގިނިކަންޏާއެވެ. އެހެން އެއްވެސް ބަޔަކަށް ބަރޯސާވުމެއް ނެތިއެވެ.
ޖިއޮގްރަފީ ގޮތުން ޓައިވާން އޮންނަނީ ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށި ޗައިނާއާ އެންމެ 130 ކިލޯމީޓަރު ދުރުގައެވެ. ބައިނަލްއަގުވާމީ ޑިޕްލޮމަސީގެ އިމުގައި، ޓައިވާންއަކީ ވަކި ގައުމެއް ކަމަށް ބަލައިގަންނަ ފަރާތްތައްވެސް މަދެވެ.