ރުޅި އައުމުގެ ހައްގާއި، ފަރަންސޭސިންގެ އެތައް މިލިއަން ބަޔަކު މެރުމުގެ ހައްގުވެސް މުސްލިމުންނަށް އެބަ އޮތް ކަމަށް މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުޙައްމަދު ވިދާޅުވެއްޖެއެވެ.

އިސްލާމް ދީނާއި ކީރިތި ރަސޫލު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ އަށް ފުރައްސާރަ ކުރުމުގައި ފަރަންސޭސިވިލާތުން ހިންގަމުންދާ ކަންތައްތަކާ ގުޅިގެން ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި 13 ޓްވީޓެއްގައި މަހާތީރު ވަނީ މާޒީގައި ހިނގާފައިވާ ގަތުލުއާންމުތަކުން ހުއްޖަތް ދައްކަވައިގެން، މީހުން މެރުމަށް ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވެފައެވެ.

މި ޓްވީޓްތަކުގައި މަހާތީރު ވަނީ، އިސްލާމުންނާ ދެކޮޅަށް ތެދުވެ ހުރި ފަރަންސޭސި ރައީސް އިމެނުއަލް މެކަގޯންއަށްވެސް ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފައެވެ.

ކަން މިހެން އޮތް ނަމަވެސް، ކީރިތި ރަސޫލު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ އަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫންތަކެއް ކުލާހެއްގައި ހިއްސާކުރި ޓީޗަރުގެ ބޯ ބުރިކޮށްލައިގެން އޭނާ މަރާލުމަކީ ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމަށް މަހާތީރު ވަނީ ވިދާޅުވެފައެވެ.

ފަރަންސޭވިލާތުގެ ޑިޖިޓަލް ޓެލެކޮމް މިނިސްޓަރު ވަނީ، މަހާތީރު އެކައުންޓު ސަސްޕެންޑް ކޮށްދިނުމަށް ޓްވިޓާގައި އެދިފައެވެ. މަހާތީރު ކުރެއްވި ޓްވީޓްތަކާ ގުޅިގެން، ޓްވިޓާ ކުންފުނިން ވަނީ އެ ޓްވީތްތަކަކީ ހަމަނުޖެހުން އުފައްދަން ހިތްވަރުދެނިވި ޓްވީޓްތަކެއް ކަމަށް ކަނޑައަޅާ، އެ ލޭބަލް އަޅުވާފައެވެ.

މާހާތީރުގެ ވާހަކަ މިފަދަ ރޫހެއްގައި ހުރިއިރު، އިސްލާމީ ބޮޑެތި ގައުމުތަކުން ދަނީ ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ، އެކުވެރި އަރަބި އިމާރާތް، ބަހްރައިން، ކުވައިތު، ގަލްފް ކޯޕަރޭޝަން އަދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ހިމެނެއެވެ. ދިވެހިރާއްޖެ އިން ވެސް ދަނީ ޓެރަރިޒަމްގެ އަމަލުތައް ކުށްވެރި ކުރަމުންނެވެ.