ރައްޔިތުންގެ މަޖިލީހުން 2015 ވަނަ އަހަރު އެކުލަވާލި ކުޅިވަރުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަައިފިއެވެ.
މި އިސްލާހުތައް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް އެވެ. އެ އިސްލާހުގައި ކުޅުންތެރިންނާ ކުޅިވަރު ހިންގުމުގައި ހަރަކާތްތެރިވާ ތަޖުރިބާކާރުންގެ ދުވަސްވީ ކަންބޮޑުވުންތަކަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ކުޅިވަރުގެ ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތައް ހުށައެޅުމުގެ މަގްސަދަކީ ރާއްޖޭގެ ކުޅިވަރާ ބެހޭ އެކިއެކި މުއައްސަސާތަކާ ހުރި ފުށުއެރުންތައް ނައްތާލުމަށް ކަމަށާ އެ މުއައްސަސާތައް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ގާއިމުކޮށް މުއައްސަސާތައް ޑިމޮކްރަޓައިޒް ކުރުން ކަމަށް ހަސަން ލަރީފް ވިދާޅުވިއެވެ.
ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތަކާ ގުޅޭގޮތުން ހަސަން ލަތީފް ވިދާޅުވީ ކުޅިވަރުގެ އެކިއެކި މުއްސަސާތަކުގެ އިންތިހާބުތަކަކީ ދެފުށްފެންނަ އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިހާބުތަކަކަށް ހެދުމަށް ބޭނުންވާ ކަމަށެވެ. ކުޅިވަރާ ބެހޭ ވުޒާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމަކީ ވެސް މި އިސްލާހުތަކުގެ ބޭނުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު ކުޅިވަރުގެ ވަސީލަތްތައް ބިނާކޮށް ތަރައްގީކުރާއިރު އެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމަށާ އެ ވަސީލަތްތައް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބުރަ ނުވާނެ އުސޫލެއް ގާއިމް ކުރުން އެ ބިލުގައި ހިމަނާފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ފަހަކަށް އައިސް ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބާއި، އެސޯސިއޭޝަންތައް ހިންގުމުގައި މައްސަލަތަކެއް އުފެދި، ބައެއް އެސޯސިއޭޝަންތަކުގެ މައްސަލަތައް ކޯޓު މަރުހަލާތަކަށް ވެސް ގޮސްފައި އެބަހުއްޓެވެ. އަދި އެކަންކަމުގެ ސަބަބުން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ރާއްޖެ ވަކި ކުޅިވަރުތަކުން ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރުތަކެއްް ވެސް ދީފައިވެއެވެ.
ހަމައެއާއެކު އެފްއޭއެމްގެ އިންތިހާބުގެ މައްސަލައިގައި މިހާރު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އާއި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް އާ ދެމެދު ވަނީ ހިތްހަމަނުޖެހުންތަކެއް އުފެދިގެން ގޮސްފައެވެ.