ތޯލިބާން ހަނގުރާމަވެރިންނާއި އެމެރިކާއާ ދެމެދު މިއަހަރުގެ ކުރީކޮޅު ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލި ކަމުގައި ވީ ނަމަވެސް، ހައްދު ފަހަނަ އަޅާފައި ވާ ހަތިޔާރު އެޅި ހަނގުރާމަވެރި އަލްގައިދާ ޖަމާއަތް، އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ތޯލިބާން ހަނގުރާމަވެރިންގެ ތެރޭގައި ގަދައަށް "އެމްބެޑް" ވެގެން ދެމި އެބައޮތް ކަމަށް އދގެ އިސް އޮފިޝަލަކު އިންޒާރު ކުރައްވައިފިއެވެ.

ތޯލިބާން ހަނގުރާމަވެރިންނާއި އެމެރިކާ ސަރުކާރާ ދެމެދު މިއަހަރު ކުރީކޮޅު ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލީ، ބައިނަލްއަގުވާމީ ފެންވަރުގައި ޓެރަރިސްޓް ހަމަލާތައް ދިނުމަށް އަލްގައިދާއާއި އެފަދަ ހަމާއަތްތަކުން އަފްގާނިސްތާނުގެ ފަސްގަނޑު ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން ތޯލިބާނުން ދޭ ދިނުމުގެ ބަދަލެއްގެ ގޮތުގައި، އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ ފައުޖުތައް އެ ގައުމުން ފައިބާނެ ކަން ކަށަވަރު ކޮށްދެމުންނެވެ.

ކަން މިހެން އޮތް ނަމަވެސް، އައިސިސް، އަލްގައިދާ އަދި ތޯލިބާން މޮނިޓަރިންގްއަށް ކަނޑައަޅާފައިވާ އދގެ ޓީމުގެ ކޯޑިނޭޓަރު އެޑްމަންޑް ފިޓަން-ބްރައުން ވިދާޅުވީ، އެމެރިކާގެ އެއްބަސްވުމާ ހިސާބަށް އާދެވުނުއިރު، ތޯލިބާނުންނާއި އަލްގައިދާއަކީ އެކުގައި މަސައްކަތް ކުރާނެ ބައެއްކަމުގެ ޔަގީންކަން، ތޯލިބާން ޖަމާއަތުން އަލްގައިދާއަށް ދީފައި ވާ ކަމަށެވެ.

ފިޓަން-ބްރައުން ވިދާޅުވީ އަލްގައިދާއާ އެކު ތޯލިބާނުން މަތީ ފެންވަރުގެ މަޝްވަރާތައް، ގަވައިދުން ކުރިއަށް ގެންގޮސްފައި ވާ ކަމަށާ، ދެ ޖަމާއަތުގެ ޒަމާންވީ ގުޅުންތަކަށް ތޯލިބާނުން އިހުތިރާމު ކުރާނެ ކަމުގެ ޔަގީންކަން އަލްގައިދާއަށް ދީފައި ވާ ކަމަށެވެ.

އެމެރިކާގެ އެއްބަސްވުމަށް ފަހުގައިވެސް ތޯލިބާނުންނާ އަލްގައިދާގެ ގުޅުމަށް ބަދަލު އައިސްފައި ނުވާ ކަމަށާ، ތޯލިބާން ޖަމާއަތުގައި "އެމްބެޑް" ވެގެން އަލްގައިދާ ޖަމާއަތުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފިޓަން-ބްރައުން ވިދާޅުވިއެވެ. އެގޮތުން، ހަނގުރާމަވެރި ހަރަކާތްތަކާ، ތަމްރީނުތަކުގައި ތޯލިބާނުންނާއެކު އަލްގައިދާގެ ހަނގުރާމަވެރިން ބައިވެރި ވާ ކަމަށް އދގެ އޮފިޝަލު ވަނީ ހާމަ ކުރައްވާފައެވެ.

ސުލްހައިގެ މަޝްރޫއު ފެއިލްވެއްޖެ ނަމަ، އަލްގައިދާއާއި އައިސިސްއިން އަފްގާނިސްތާނަށް ވެރިވެގަނެ، މަސްރަހު ނުރައްކާ ދަރަޖައަކަށް ހިނގައިދާނެ ކަމުގެ އިންޒާރުވެސް ފިޓަން-ބްރައުން ވަނީ ދެއްވާފައެވެ.