ދިވެހިރާއްޖެއަށް މިހާރު ޒިޔާރަތް ކުރައްވަމުން ގެންދަވާ އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުއާ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، މީގެ ކުޑަ ވަގުތު ކޮޅެއް ކުރިންނެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރުވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ދިވެހިރާއްޖެއާއެކު ބައިގަރުނަށް ވުރެ ގިނަ ދުވަސްވީ ޑިޕްލޮމެޓިކް ގުޅުމެއް ދަމަހައްޓަމުން އަންނަ އެމެރިކާގެ ހާރިޖީ ވަޒީރުގެ މި ދަތުރަކީ އޭޝިއާގެ 4 ގައުމަކަށް އޭނާ ކުރައްވާ ދަތުރުގެ 3 ވަނަ ލެގްއެވެ. މީގެ ކުރިން ޕޮމްޕޭއޯ ވަނީ އިންޑިއާ އަދި ސްރީލަންކާއަށްވެސް ވަޑައިގެންފައެވެ.
ޕޮމްޕޭއޯގެ މި ދަތުރާއެކު ބައިނަލްއަގުވާމީ ބަހާގައި ދިވެހިރާއްޖޭގެ ވަނަވަރުގެ އަގު އުފުލި، އިންޑޯ-ޕެސިފިކް ސަރަހައްދުގައި ރާއްޖޭގެ ދާހިލީ އަދި ހާރިޖީ ސިޔާސަތުތައް ބައްޓަން ކުރުމަށް އެހީވެދޭނެ ކަމަށްވެސް ދިވެހި ސަރުކާރުން ބުނެއެވެ.
އިނގިރޭސިންގެ އިސްތިއުމާރީ އަތްދަށުން ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން، 1966 ވަނަ އަހަރު އެމެރިކާއާއެކު ބަދަހި ކުރި ޑިޕްލޮމެޓިކް ގުޅުންތައް މިއަދު ވަނީ އާ ހަރުފަތްތަކަކަށް ކުރިފަޅާފައެވެ.
ޑިމޮކްރަސީގެ ބަހާގެ އިތުރުން، އިގުތިސޯދީ ތަރައްގީއާއި އިޖުތިމާއީ އަދި ތިމާވެށީގެ އަމާޒުތަކުގެ ރޮނގުންވެސް އެމެރިކާއިން ދަނީ ރާއްޖެއަށް އެއްބާރުލުމާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އިންޑިއާ ކަނޑުގެ ސަލާމަތްތެރިކަމަކީ އެމެރިކާއިން ހާއްސަ އަހައްމިޔަތު ކަމެއް ދޭ ކަމަކަށް ވާއިރު، ފާއިތުވީ އަހަރުތަކުގައި އެމެރިކާގެ ކަނޑުގެ އަސްކަރީ ފްލީޓްތައްވެސް ރާއްޖެ ޒިޔާރަތް ކޮށްފައި ވާ ކަން އެމެރިކާގެ ހާރިޖިއްޔާއިން ފާހަގަ ކުރެއެވެ. މީގެ އިތުރުން، ޓެރަރިޒަމްއާއި ޓެރަރިޒަމްއަށް ފަންޑު ކުރުމާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ އެއްބާރުލުން އެމެރިކާއަށް ލިބޭ ކަންވެސް އެގައުމުގެ ހާރިޖިއްޔާއިން ފާހަގަކުރެއެވެ.
2019 ވަނަ އަހަރުގެ ފެބުރުވަރީ މަހު މިނިސްޓަރު ޝާހިދު އެމެރިކާއަށް ކުރެއްވި ދަތުރުގައި، އެމެރިކާގެ އަދުގެ ސަރުކާރުން ވަނީ އިގުތިސޯދީ ތަރައްގީގެ އެހީގެ ގޮތުގައި ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ފޯރުކޮށްދޭނެ ކަން ކަށަވަރުކޮށްދީފައެވެ. މިއަދު ކުރިމަތިލާންޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި އެމެރިކާއިން ވަނީ މިހާތަނަށް 2 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ފޯރުކޮށްދީފައެވެ. މީގެ އިތުރުން ބޭ އޮފް ބެންގޯލް އިނިޝިއޭޓިވްގެ ދަށުން، ހާރިޖީ އަސްކަރީ ފައިނޭންސްގެ ގޮތުގައި އެމެރިކާއިން ދިވެހިރާއްޖެއަށް 7 މިލިއަން ޑޮލަރު ހަމަޖައްސާދީފައި ވާ ކަމަށްވެސް އެމެރިކާ ހާރިޖިއްޔާއިން ބުނެއެވެ.
މިފަހަކަށް އައިސް ރާއްޖެއާއި އެމެރިކާގެ ގުޅުން އިންތިހާއަށް ބަދަހި ވާން ފަށާފައި ވާއިރު، ހުސްވި ސެޕްޓެމްބަރު މަހުވެސް ދެ ގައުމުގެ މެދުގައި ދިފާއީ ފެންވަރުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.