އިސްލާމް ދީނާ، ނަބިއްޔާ މުޙައްމަދު ރަސޫލު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ އަށް ފުރައްސާރައިގެ ބަސްތަކާ، މުރުތައްދު ޝާޢިއުކުރުންތައް އަމާޒު ކުރުމަކީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ލިބިދީފައި އޮތް ހައްގުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ދުށުމީ، ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

އިސްލާމް ދީނާ، މުޙައްމަދު ރަސޫލު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ އަށް ފުރައްސާރަކުރުންތައް އިތުރުވަމުން އަންނަ މިދަނޑިވަޅުގައި އެ ފަދަ އަމަލުތައް ސާފު އިބާރާތުން ކުށްވެރިކުރާކަން ހާމަކޮށް، ދިވެހި ހާރިޖިއްޔާއިން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ، މިފަދަ އަމަލުތަކަކީ ނަފުރަތު އުފައްދަނިވި ކަންތައްތަކެއް ކަމަށެވެ.

އިސްލާމް ދީނުގެ އަސާސްތަކުގެ މަތީގައި ޑިމޮކްރަޓިކް މުޖުތަމައެއް ބިނާ ކުރަމުން އަންނަ މި ރާއްޖެއަކީ، ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމީ އަސާސީ އިންސާނީ ހައްގެއްގެ ގޮތުގައި ބަލައިގަންނަ ގައުމެއް ކަމަށާ، ދިވެހިރާއްޖެއަކީ އެއްވެސް ކަމެއްގައި ހައްދު ފަހަނައަޅާ ދިއުން ބަލައިގަންނާނެ ގައުމެއް ނޫން ކަމަށްވެސް ހާރިޖިއްޔާގެ ބަޔާނުގައިވެއެވެ. އެއީ ދީނުގެ ނަމުގައި ކުރާ ކަމެއް ނުވަތަ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ނަމުގައި ކުރާ ކަމެއް ކަމުގައި ވީ ނަމަވެސް، ހައްދު ފަހަނައަޅާ ދިއުމަކީ ރާއްޖެއިން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް މި ބަޔާނުގައިވެއެވެ.

ޓެރަރިޒަމްގެ ހުރިހާ އަމަލެއް ދިވެހިރާއްޖެއިން ކުށްވެރި ކުރާ ކަމަށާ، ޓެރަރިޒަމްއާ، ހައްދު ފަހަނައަޅާ ދިއުމާ ދެކޮޅަށް ކުރާ ހުރިހާ ހަނގުރާމައަކަށް ދިވެހިރާއްޖެއިން އެއްބާރުލުން ދޭނެ ކަމަށްވެސް ސަރުކާރުގެ ބަޔާނުގައިވެއެވެ. ނަމަވެސް، ސުލްހައިގެ ދީނުގެ ގޮތުގައި އޮތް އިސްލާމް ދީނާއި ޓެރަރިޒަމް ނުވަތަ ނުރައްކާތެރި އިމުގައި ހައްދުފަހަނައަޅާ ދާ ދިއުން ގުޅުވަން ކުރާ ހުރިހާ މަސައްކަތާ ރާއްޖެއިން ދެކޮޅު ހަދާ ކަމަށް ހާރިޖިއްޔާއިން އާންމުކުރި ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ. އިސްލާމް ދީނާއި ޓެރަރިޒަމް ނުވަތަ ނުރައްކާތެރި އިމުގައި ހައްދުފަހަނައަޅާ ދިއުމާ ގުޅުވަން ކުރާ މަސައްކަތަކީ، އޭގެ އަސާސަށް ބަލާއިރުވެސް ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށާ، އެއީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށްވެސް ދިވެހި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ހުރިހާ އެންމެންވެސް އެއްބަޔަކު އަނެއް ބަޔަކު ބަލައިގަތުމަށާ، އަސާސީ އިންސާނީ ހައްގުގެ ނަމުގައި ހަމަނުޖެހުން އުފައްދާ، އެއްބަޔަކު އަނެއް ބަޔަކު ރުޅިއަރުވަނިވި އެންމެހާ ކަންކަމުން ދުރުވުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ. އެއްބަޔަކު އަނެއް ބަޔަކު ބަލައިގަތުމާ ސުލްހަ ޕްރޮމޯޓް ކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައާއެކު މަސައްކަތް ކުރުން މަތީ މި ރާއްޖެ ދެމި އޮންނާނެ ކަމަށްވެސް ސަރުކާރުގެ ބަޔާނުގައިވެއެވެ.

އިސްލާމް ދީނާ، ނަބިއްޔާ މުޙައްމަދު ރަސޫލު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ އަށް ފުރައްސާރައިގެ ބަސްތަކާ، މުރުތައްދު ޝާޢިއުކުރުންތައް އަމާޒު ކުރުމަކީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނޫން ކަމަށް ބުނެ ދިވެހި ސަރުކާރުން ބަޔާނެއް އާންމު ކޮށްފައި މިވަނީ، އިސްލާމް ދީނާއި ޓެރަރިޒަމް ގުޅުވުމަށް ފަރަންސޭސިވިލާތުން މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މި ޢުއްމަތުގެ ނަބިއްޔާ މުޙައްމަދު ރަސޫލު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ އަށް ފުރައްސާރަކޮށް ކާޓޫން ކުރަހާ، އާންމުންނަށް ފެންނާނެހެން އެ މަންޒަރުތައް ޑިސްޕްލޭކޮށް، ކާޓޫންތައް ދޫ ނުކުރާނެ ކަމަށް ބުނެ އިސްލާމް ދީނާއި ޓެރަރިޒަމް ގުޅުވުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ފަރަންސޭސިވިލާތާ ދެކޮޅަށް މުޅި އިސްލާމީ ދުނިޔެއިން ދަނީ އަޑު އުފުލަމުންނެވެ.