ދުނިޔޭގެ ސުޕާޕަވަރުގެ މަގާމުގައި އޮތް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ރާއްޖެ ވަޑައިގެންފިއެވެ.

އޭޝިއާގެ 4 ގައުމަކަށް ކުރައްވާ 5 ދުވަހުގެ ދަތުރުފުޅުގައި އިންޑިއާއާއި ސްރީލަންކާގެ ލެގް ނިންމަވާލެއްވުމަށްފަހު ޕޮމްޕޭއޯ ރާއްޖެ ވަޑައިގެންފައި ވަނީ މީގެ ކުޑަ ވަގުތު ކޮޅެއް ކުރިންނެވެ.

ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޕޮމްޕޭއޯއަށް މަރުހަބާ ވިދާޅުވީ ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުއާއެވެ.

މިއީ 1992 ވަނަ އަހަރަށް ފަހު ވެރިކަމުގައި އޮތް އެމެރިކާ ސަރުކާރުގެ އެންމެ އިސް ވަޒީރުންގެ ފެންވަރުގެ ބޭފުޅަކު ރަސްމީ ހައިސިއްޔަތެއްގައި ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

ދިވެހިރާއްޖެއާއި އެމެރިކާ އަކީ ބައިގަރުނަށްވުރެ ދުވަސްވީ ގާތް، ޑިޕްލޮމެޓިކް ގުޅުންތަކެއް ދަމަހައްޓަމުން އަންނަ 2 ގައުމެވެ. އިނގިރޭސިންގެ އިސްތިއުމާރީ އަތްދަށުން ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން، 1966 ވަނަ އަހަރު އެމެރިކާއާއެކު ބަދަހި ކުރި ޑިޕްލޮމެޓިކް ގުޅުންތައް މިއަދު ވަނީ އާ ހަރުފަތްތަކަކަށް ކުރިފަޅާފައެވެ.

ޑިމޮކްރަސީގެ ބަހާގެ އިތުރުން، އިގުތިސޯދީ ތަރައްގީއާއި އިޖުތިމާއީ އަދި ތިމާވެށީގެ އަމާޒުތަކުގެ ރޮނގުންވެސް އެމެރިކާއިން ދަނީ ރާއްޖެއަށް އެއްބާރުލުމާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އިންޑިއާ ކަނޑުގެ ސަލާމަތްތެރިކަމަކީ އެމެރިކާއިން ހާއްސަ އަހައްމިޔަތު ކަމެއް ދޭ ކަމަކަށް ވާއިރު، ފާއިތުވީ އަހަރުތަކުގައި އެމެރިކާގެ ކަނޑުގެ އަސްކަރީ ފްލީޓްތައްވެސް ރާއްޖެ ޒިޔާރަތް ކޮށްފައި ވާ ކަން އެމެރިކާގެ ހާރިޖިއްޔާއިން ފާހަގަ ކުރެއެވެ. މީގެ އިތުރުން، ޓެރަރިޒަމްއާއި ޓެރަރިޒަމްއަށް ފަންޑު ކުރުމާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ އެއްބާރުލުން އެމެރިކާއަށް ލިބޭ ކަންވެސް އެގައުމުގެ ހާރިޖިއްޔާއިން ފާހަގަކުރެއެވެ.

2019 ވަނަ އަހަރުގެ ފެބުރުވަރީ މަހު މިނިސްޓަރު ޝާހިދު އެމެރިކާއަށް ކުރެއްވި ދަތުރުގައި، އެމެރިކާގެ އަދުގެ ސަރުކާރުން ވަނީ އިގުތިސޯދީ ތަރައްގީގެ އެހީގެ ގޮތުގައި ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ފޯރުކޮށްދޭނެ ކަން ކަށަވަރުކޮށްދީފައެވެ. މިއަދު ކުރިމަތިލާންޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި އެމެރިކާއިން ވަނީ މިހާތަނަށް 2 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ފޯރުކޮށްދީފައެވެ. މީގެ އިތުރުން ބޭ އޮފް ބެންގޯލް އިނިޝިއޭޓިވްގެ ދަށުން، ހާރިޖީ އަސްކަރީ ފައިނޭންސްގެ ގޮތުގައި އެމެރިކާއިން ދިވެހިރާއްޖެއަށް 7 މިލިއަން ޑޮލަރު ހަމަޖައްސާދީފައި ވާ ކަމަށްވެސް އެމެރިކާ ހާރިޖިއްޔާއިން ބުނެއެވެ.

މިފަހަކަށް އައިސް ރާއްޖެއާއި އެމެރިކާގެ ގުޅުން އިންތިހާއަށް ބަދަހި ވާން ފަށާފައި ވާއިރު، ހުސްވި ސެޕްޓެމްބަރު މަހުވެސް ދެ ގައުމުގެ މެދުގައި ދިފާއީ ފެންވަރުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު ޕޮމްޕޭއޯގ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި، ދިވެހި ހާރިޖީ ވަޒީރުގެ އިތުރުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުއާއެކު މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެއެވެ. އަދި މި ބައްދަލު ކުރެއްވުން ތަކަށް ފަހު، ޕޮމްޕޭއޯ ކަމެއް އިއުލާން ކުރައްވާނެ ކަމަށް އެމެރިކާގެ ހާރިޖިއްޔާއިން އޮތީ ހާމަކޮށްފައެވެ.