ދުނިޔެ ވަށައިގެން ސެޓެލައިޓެއްގެ ގޮތުގައި ދައުރުވަމުންދާ ހަނދުގެ، އަލިފަޅި ނުވަތަ އިރުގެ އަލިން ދިއްލިފައި ހުއްޓާ ފެންނަ ފަޅީގައި ފެނުގެ އަސަރު އެބަހުރި ކަމަށް އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން ބުނެފިއެވެ.

މި ހޯދުމަކީ، ހަނދުގެ މުޅި ސަތަހައަށް ފެން ފެތުރިފައިވުން އެކަށީގެން ވާ ކަން އަންގައިދޭ ހޯދުމެއް ކަމަށް ބުނެވެއެވެ.

ނާސާގެ ސްޓްރޭޓޮސްފެރިކް އޮބްޒަވޭޓަރީ ފޮ އިންފްރާރެޑް އެސްޓްރޮނޮމީ (ސޯފިއާ) އަށް ފެނުގެ މޮލެކިއުލްސް (އެޗް2އޯ)ގެ އަސަރު ފެނިފައި ވަނީ، ހަނދުގެ ކްލޭވިއޫސް ކްރޭޓާއިންނެވެ. މިއީ ދުނިޔެއަށް ފެންނަ ބޮޑު ވަޅުގަނޑުގެ ތެރެއިން އެއް ވަޅުގަނޑެވެ. މިއީ ހަނދުގެ ދެކުނު ތަނޑީގައި އޮންނަ ސަރަހައްދެކެވެ.

ނާސާއިން ބުނީ ހަނދުގެ ވެލީގެ ސަތަހައިގެ 1 ކިއުބިކް މީޓަރުގެ ސަރަހައްދަކުން، 12 އައުންސް ފުޅިއެއްގެ ފެން-މޮލެކިއުލްސް ފެނިފައި ވާ ކަމަށެވެ.

ހަނދުގައި ފެނުގެ އަސަރު ހުރުމަށް 2 ގޮތެއް އެބައޮތް ކަމަށް ނާސާއިން ބުނެއެވެ. އެއް ގޮތަކީ، ސޯލާވިންޑް ނުވަތަ ރޭޑިއޭޝަން އާއެކު ހަނދަށް ފެން ދަތުރު ކުރުމެވެ. އަނެއް ގޮތަކީ، ކުދި ގިނިހިލަކޮޅުތަކުގެ ތެރެއިން ހަނދަށް ފެން ދަތުރުކުރުމެވެ.

ކަން މިހެން އޮތް ނަމަވެސް ހަނދުގައި ފެން ހުރި ސީދާ ލޮކޭޝަން އަދިވެސް ހޯދިފައެއް ނުވެއެވެ. ނުވަތަ އެ ފެނަކީ ބޭނުން ކުރެވިދާނެ ފެނެއް ކަންވެސް އަދި ސާފެއް ނުވެއެވެ.

ހަނދުގައި ފެނުގެ އަސަރު ހުރިތޯ ބެލުމަށް ދިރާސާ ކުރަމުން އަންނަތާ އެތައް އަހަރެއް ވެފައި ވާއިރު، މީގެ ކުރިންވެސް މިޒާތުގެ ހޯދުންތަކެއް ވަނީ ހޯދިފައެވެ. ނަމަވެސް އޭރު ފެނުނީ ފެނުގެ މޮލެކިއުލްކަމެއް ނުވަތަ ހައިޑްރޮކްސީލް ކަން ކަށަވަރުކުރެވިފައެއް ނުވެއެވެ.