ހަލުވި ކަމާ އެކު ފެތުރެމުން ދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހި، ހާލު ދެރަވާ ޕޭޝަންޓުންގެ ހިތުގެ އަލްޓްރާސައުންޑް ސްކޭން ތަކުން ދައްކާ ގޮތުގައި، އެ ޕޭޝަންޓުންގެ ހިތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށާ، މި ގެއްލުމަކީ ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްކާވެ، މަރާ ކުރިމަތިލާން ޖެހޭ ވަރުގެ ގެއްލުންތަކެއް ކަމަށް ދިރާސާ ޓީމަކުން ބުނެފިއެވެ.

ކޮވިޑް-19ގެ ޝިކާރައަކަށްވެ، ހާލު ދެރަވާ ބައެއް ޕޭޝަންޓުންގެ ހިތަށް "ސްޓްރަކްޗަރަލް" ގެއްލުންތަކެއް ވާ ކަމަށް ފަހުގެ ހޯދުންތަކުން ދައްކާފައި ވާ އިރު، އަލްޓްރާސައުންޑް ސްކޭން ހަދައިގެން ދުރާލާ މިކަން ދެނެގަނެވިއްޖެ ނަމަ، ފަރުވާ ކޮށްގެން ލުޔެއް ލިބިދިނުމުގެ ފުރުސަތު އޮންނަ ކަމަށްވެސް، ދިރާސަ ޓީމުން ވަނީ ބުނެފައެވެ.

އައިސީޔޫގައި އޮތް ހާލުބޮޑޫ ބަލިމީހަކު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: މޭޝްވައިރަލް

ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މައުންޓް ސައިނާއީ ހާޓްގެ ޑރ ވެލަންޓީން ފަސްޓާ ވިދާޅުވީ، ހިތަށް ލިބޭ ސްޓްރަކްޗަރަލް ގެއްލުންތައް ދުރާލާ ދެނެގަނެވުމަކީ، އެކަށީގެންވާ ފަރުވާ ފެށުމަށް ފުރުސަތު ފަހި ކުރަނިވި ކަމެއް ކަމަށެވެ. އެގޮތުން އެންޓިކޯގުލޭޝަންއާއި އެނޫންވެސް އެފަދަ އެޕްރޯޗްތައް، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ ޕޭޝަންޓުންނާ، ގެއަށް ދޫކޮށްލާފައި ވާ ޕޭޝަންޓުންނަށް ބޭނުން ކުރެވިދާނެ ކަމަށް ޑރ ފަސްޓާ ވިދާޅުވިއެވެ.

ޑރ ފަސްޓާއާއި އޭނާގެ ޓީމުން މި ދިރާސާ ކުރިއަށް ގެންދިޔައީ އެމެރިކާގެ ނިއުޔޯކްގައި މައުންޓް ސައިނާއީ ނިޒާމުގެ ތެރެއިން އޮޕަރޭޓް ކުރާ ހޮސްޕިޓަލުތަކާ، އިޓަލީވިލާތުގެ ހޮސްޕިޓަލަކުން، 305 ޕޭޝަންޓަކު ބައިވެރިކޮށްގެންނެވެ. މި ދިރާސާއަށް އެ ޕޭޝަންޓުންގެ އެކޯކާޑިއޯގްރާމް ބޭނުންކޮށްފައިވެއެވެ.

ހާލުބޮޑޫ ބަލިމީހަކު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޕިކްސަބޭ

ދިރާސާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މީގެ ތެރެއިން ގާތްގަނޑަކަށް 2 ބައިކުޅަ 1 ބައި (190) ޕޭޝަންޓުންނަށް "ސްޓްރަކްޗަރަލް ހާޓް ޑެމޭޖު" ގެ ތަކުލީފު ކުރިމަތި ވި ކަމަށް ބަޔާންކޮށްފައިވެއެވެ.

ޖާނަލް އޮފް އެމެރިކަން ކޮލެޖް އޮފް ކާޑިއޯލޮޖީގައި އާންމުކޮށްފައިވާ ރިޕޯޓަށް ބަލާއިރު، 118 ޕޭޝަންޓުންނަކީ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނު އިރުވެސް ހިތަށް ގެއްލުންތަކެއް ވެފައިވާ ޕޭޝަންޓުންނެވެ. އިތުރު 72 މީހެއްގެ ހިތަށް އެކި ވަރުގެ ގެއްލުންތައް ވީ، ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ދުވަސްވަރުގައި ކަމަށް ވެސް ދިރާސާގެ ހޯދުންތަކުގައިވެއެވެ.

ކޮވިޑް-19ގެ ޕޭޝަންޓުންގެ ހާލަތު މޮނިޓާ ކުރުމުގެ ގޮތުން، ލޭގައި ޓްރޮޕޮނިން ޕްރޮޓީން އެކުލެވޭ މިންވަރު ބެލުމަށް ގަވައިދުން ޓެސްޓު ހައްދުވައެވެ. ޓްރޮޕޮނިން ޕްރޮޓީން މަތިވާނަމަ، ހިތުގެ މަސްތަކަށް ގެއްލުން ވެފައި ވާ ކަން އަންގައިދެއެވެ. ކަން މިހެން އޮތް ނަމަވެސް، އަލްޓްރާސައުންޑްގެ އެހީގައި، ޕޭޝަންޓުންނަށް މަރުގެ ނުރައްކާ އޮތްކަން މާ ސާފުކޮށް އަންގައިދޭ ކަމަށް ޑރ ފަސްޓާގެ ދިރާސާ ޓީމުން ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް ބަލިމީހަކު އައިސީޔޫގައި / ފޮޓޯ: އެޗްއީއޯސީ

މި ދިރާސާގައި ބުނެފައި ވާ ގޮތުގައި، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭ ކޮވިޑް-19ގެ ޕޭޝަންޓުންގެ ތެރެއިން، ޓްރޮޕޮނިން ލެވަލް އިތުރު ނުވާ ޕޭޝަންޓުން މަރުވާ ރޭޓު އުޅެނީ 5 ޕަސެންޓްގައެވެ. ޓްރޮޕޮނިން ލެވަލް މަތިވި ކަމުގައި ވީ ނަމަވެސް، އަލްޓްރާސައުންޑް ސްކޭންތަކުން ހިތް ނޯމަލް ކަމަށް ދައްކާ ޕޭޝަންޓުން މަރުވާ ރޭޓް އުޅެނީ 18.6 ޕަސެންޓްގައި ކަމަށް ބަޔާންކޮށްފައި ވެއެވެ. ނަމަވެސް ޓްރޮޕޮނިން ލެވަލް މަތިވުމާއެކު، ހިތަށް ޖިސްމާނީ މައްސަލަތަކެއް ކުރިމަތިވެފައި ވާ ކަން އަލްޓްރާސައުންޑް ސްކޭންތަކުން ދެއްކި ޕޭޝަންޓުން މަރުވާ ރޭޓް 32 ޕަސެންޓަށް އަރާ ކަމަށްވެސް ދިރާސާ ޓީމުން ވަނީ ބުނެފައެވެ.

ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮވިޑް-19 އަށް މިހާތަނަށްވެސް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ކޮވިޑް-19 ޖެހިގެން އެކި މީހުންގެ ހަށިގަނޑުން އަސަރުތައް ފެންނަމުންދަނީ އެކި މިންވަރަށް، އެކި ގޮތަށެވެ. ކޮންމެ ޕޭޝަންޓަކަށްވެސް ފަރުވާ ދެމުންދަނީ އެ ޕޭޝަންޓެއްގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ.