މިއަދު ޕޮޒިޓިވްވި 84 މީހުންގެ ތެރެއިން 52 މީހުންނަކީ ހަދަމުންދާ ރިސޯޓެއް ކަމަށްވާ ރ. ކުޑަކުރަތުން ޕޮސިޓިވްވި މީހުން ކަމަށް ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއީސީން ބުނީ އެރަށުގައި 21 އަދި 22 އޮކްޓޯބަރުގައި 89 ސާމްޕަލް ނެގިފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ސާމްޕަލް ނަގައި ޓެސްޓްކޮށްފައިވަނީ އަލާމާތް ހުރި މީހުން ފެނިގެން ކަމަށް ވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ.

މިދިޔަ ހުކުރު ދުވަހު އޭގެ ތެރެއިން ހަތަރު ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށާ އިއްޔެ ހަތް ސާމްޕަލް އަދި މިއަދު ފެނުނު 52 ކޭސް އާއެކު ޖުމްލަ މިހާރު 63 ކޭސް އެރަށުން ފެނިފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ. އޭގެ ތެރެއިން އެކަކު ހުރީ މިވަގުތު ބ. އޭދަފުށީ ކޯވިޑް-19 ފެސިލިޓީގައި ކަމަށް ވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ.

މިއަދު ޕޮޒިޓިވްވި 84 މީހުންގެ ތެރޭގައި ހިމެނެނީ، 26 ދިވެހިންނާއި 58 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 30 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 54 މީހެކެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 11،505 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 52 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 10،524 އަށް އަރާފައެވެ.

މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 22 ރަށެއްގައެވެ. އަދި 24 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 26 ފަތުރުވެރިންނާއި 82 ރިސޯޓް މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ.