ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޓެސްޓު ކުރުމަކީ "މޮޔަކަމެއް" ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާއިން ރެކޯޑް އަދަދަކަށް ކޮވިޑް-19އަށް ޕޮސިޓިވްވިތާ އެއް ދުވަސް ފަހުން ކުރިއަށް ގެންދެވި ކެމްޕޭން ރެލީއެއްގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕް އަނެއްކާވެސް ވަނީ، އެމެރިކާއިން ކޭސް ނަމްބަރު އިތުރު ވަމުން ދަނީ ޓެސްޓު ކުރާތީކަމަށް އިޝާރާތް ކުރައްވާފައެވެ.

ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި ކުރިއަށް ގެންދާ ރިޔާސީ އިންތިހާބަށް ލަމްބާޓަން، ނޯތު ކެރޮލައިނާގައި ކެމްޕޭން ކުރައްވަމުން ޓްރަމްޕ ވިދާޅުވީ އެމެރިކާއިން އެހާ ގިނަ އަދަދަކަށް ކޭސް ފެންނަނީ ގިނައިން ޓެސްޓު ކުރާތީ ކަމަށާ، އެއް ގޮތަކުން ބަލާއިރު އެއީ ރަނގަޅު ކަމެއް ކަމަށާ، އަނެއް ގޮތަކުން ބަލާއިރު، ޓެސްޓު ކުރުމަކީ މޮޔަކަމެއް ކަމަށެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު އަދިވެސް އެންމެ ގިނަ އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް ރެކޯޑް ކޮށްފައި ވަނީ އެމެރިކާއިންނެވެ. އިއްޔެވެސް އެގައުމުން 79449 ކޭސް ރެކޯޑް ކޮށްފައި ވާއިރު، އެމެރިކާއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 8827932 އަށް އަރާފައެވެ.

ރެކޯޑް އަދަދުތަކުން ޕޮޒިޓިވް ކޭސް ރެކޯޑް ކޮށްފައިވާ ނޯތު ކެރޮލައިނާގައި ކެމްޕޭން ކުރައްވަމުން ޓްރަމްޕް ވަނީ، އެމެރިކާގެ ކޮވިޑް-19ގެ މަސްރަހުގެ ޚަބަރުތައް ފެތުރިގެން ދާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވާފައެވެ. މަތިންދާބޯޓެއް ވެއްޓި، 500 މީހުން މަރުވިއަސް، ޚަބަރުތަކުން އިވެނީ ކޮވިޑް-19ގެ ވާހަކަކަން ޓްރަމްޕް ވަނީ ހިތްހަމަޖެހިވަޑައިނުގަތުމުގެ ރޫހެއްގައި މިސާލު ޖައްސަވާފައެވެ.

މިއީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހަގީގީ ބޮޑުކަން އޮއްބާލެއްވުމުގެ ރޫހެއްގައި ޓްރަމްޕް ވާހަކަފުޅުދެއްކެވި ފުރަތަމަ ފަހަރެއް ނޫނެވެ.