ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށް ސިއްހީ ތަޖުރިބާކާރުންގެ އިޒުނައިގެ ސިއްކަ ކަށަވަރުކުރި ފުރަތަމަ ވެކްސިންގެ ގޮތުގައި ރަޝިއާއިން ޕްރޮމޯޓް ކުރަމުން އަންނަ "ސްޕަޓްނިކް-5"ގެ ނަން ދީފައިވާ ވެކްސިންގެ، 2 ޑޯޒް ފުރިހަމަ ކޮށްފައި ވަނީ، މިހާތަނަށް، އެންމެ 6000 މީހުން ކަމަށް، މި ވެކްސިން ތަރައްގީ ކުރާ ފަރާތުން ހާމަކޮށްފިއެވެ.
"ސްޕަޓްނިކް-5" އުފެއްދި ރަޝިއާގެ ގަމަލެޔާ އިންސްޓިޓިއުޓްގެ ޑައިރެކްޓާ، އެލެކްޒެންޑާ ގިންޓްސްބާގް ވިދާޅުވީ، މިހާތަނަށް އާދެވުނުއިރު، 17000 މީހަކަށް، ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައި ވާނެ ކަމަށެވެ. ގިންޓްސްބާގް ވިދާޅުވީ، ވެކްސިންގެ އިރުޝާދުގައި ބަޔާންކޮށްފައިވާ ކަންކަމާ، ރަޝިއާގެ ގައުމީ ވެކްސިން ޕްރޮޓޮކޯލްގައި ބަޔާންކޮށްފައިވާ އުނދަގޫތައް ފިޔަވާ އިތުރު އެއްވެސް ސައިޑް އިފެކްޓެއް، އެއްވެސް ބައިވެރިއެއްގެ ފަރާތުން ފެނިފައި ނުވާ ކަމަށެވެ.
ކޮވިޑް-19އަށް ހާއްސަ ކޮށްގެން ދުނިޔޭގެ އެހެން ހިސާބުތަކުގައި ތަރައްގީ ކުރަމުންދާ ވެކްސިންގެ މަރުހަލާތައް (އޮކްޓޯބަރު 6 ވަނަ ދުވަހުގެ ނިޔަލަށް) އޮތް ހިސާބަށް ބަލާއިރު، ޖަރުމަނުވިލާތުގެ ބައޮއެންޓެކްއާއި އެމެރިކާގެ ފައިޒާ ކުންފުނިން ވަނީ 3 ވަނަ މަރުހަލާގެ ތަހުލީލުތަކަށް 37000 އެއްހާ ބައިވެރިން އެންރޯލް ކޮށްފައެވެ. މީގެ ތެރެއިން 28000 ބައިވެރިއަކަށް 2 ވަނަ ޑޯޒްވެސް މިހާރު ދީފައި ވާކަމަށް ޚަބަރު ލިބެއެވެ.
ކޮވިޑް-19ގެ ވެކްސިންގެ ގޮތުގައި "ސްޕަޓްނިކް-5" ބޭނުން ކުރަން ފެށުމަށް، ރަޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ކުއްލި ހުއްދައެއް ދިނީ، 3 ވަނަ މަރުހަލާގެ ތަހުލީލިތައްވެސް ފެށުމުގެ ކުރިންނެވެ. ކުއްލި ހާލަތުގައި ވެކްސިން ބޭނުން ކުރަން ދޫކުރި މި ހުއްދައިގެ ދަށުން، އާންމު މުޖުތަމައަށް ހާއްސަކޮށްގެން 40000 ޑޯޒް ފޯރުކޮށްދީފައި ވާކަމަށް ޚަބަރު ލިބެއެވެ. މީގެ ތެރޭގައި ގިނައީ ޑޮކްޓަރުންނާއި، ކޮވިޑް-19ގެ ޕޭޝަންޓުންގެ އިތުރުން ޓީޗަރުންވެސް ހިމެނޭ ކަމަށް ގިންޓްސްބާގް ވިދާޅުވިއެވެ.
ވެކްސިނަށް ފަންޑު ކުރަމުންދާ ރަޝިއަން ޑައިރެކްޓް އިންވެސްޓްމަންޓް އާއި ގަމަލެޔާ އިންސްޓިޓިއުޓް ގުޅިގެން، "ސްޕަޓްނިކް-5" އުފެއްދުމުގެ މަސައްކަތުގެ ދުވެލި، އަންނަ މަހު ހަލުވި ކުރުމަށް ރާވާފައި ވާ ކަންވެސް ގިންޓްސްބާގް ވަނީ ހާމަކުރައްވާފައެވެ. މި ރޭޓުގައި ކުރިއަށް ދާނަމަ، ކުރިއަށް އޮތް 9-12 މަހެއްހާ ދުވަހުގެ ތެރޭގައި ރަޝިއާގެ އާބާދީގެ 70 ޕަސެންޓަށް ވެކްސިން ދީ ނިމޭނެ ކަމަށާ، މިއީ ވެކްސިންގެ އެހީގައި ބަލިމަޑުކަން ކޮންޓްރޯލް ކުރަން ފުދޭނެ މިންވަރެއް ކަމަށްވެސް ގިންޓްސްބާގް ވަނީ ވިދާޅުވެފައެވެ.