މި ޢުއްމަތުގެ ނަބިއްޔާ މުޙައްމަދު ރަސޫލު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ އަށް ފުރައްސާރަކޮށް އެގައުމުގައި ކުރަހަމުންދާ ކާޓޫންތައް ދޫ ނުކުރާނެ ކަމަށް، ފަރަންސޭސިވިލާތުގެ ރައީސް އިމެނުއަލް މެކަގޯން އިންޒާރު ކޮށްފިއެވެ.
ވިލާތު ބައްރުގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމުގެ ގޮތުގައި އޮވެމެ، މުސްލިމުންނާ ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންދާ އެއް ގައުމު ކަމަށްވާ ފަރަންސޭސިވިލާތުގެ ރައީސް މިފަދަ އިންޒާރެއް ދީފައި މި ވަނީ، ކީރިތި ރަސޫލާ صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ އަށް ފުރައްސާރަކޮށް، ކުރަހާފައިވާ ކާޓޫންތަކެއް ކުލާހެއްގައި ހިއްސާކުރި ޓީޗަރެއްގެ ބޯ ބުރިކޮށްލައިގެން މަރާލި މައްސަލާގައި، މުސްލިމުންނާ މެދު ފަރަންސޭސިވިލާތުން ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވާ ދަނޑިވަޅެއްގައެވެ.
ކީރިތި ރަސޫލާ صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ އަށް ފުރައްސާރަކޮށް، ކުރަހާފައިވާ ކާޓޫންތަކެއް ހިއްސާކުރި ޓީޗަރުގެ ބޯ ބުރިކޮށްލައިގެން މަރާލީ، ޗެޗްނިޔާއަށް ނިސްބަތްވާ، ފުރާވަރު އުމުރުގެ ކުއްޖެއް ކަމަށް ޚަބަރު ލިބެއެވެ. އަދި އެ ޓީޗަރު ދެނެގަތުމަށް، އިތުރު ދަރިވަރުންތަކަކަށް ފައިސާ ދީ ފައި ވާ ކަމަށް ފަރަންސޭސި ޕްރޮސެކިއުޓަރުން ބުނެއެވެ. އެގޮތުން ޓީޗަރު ދެނެގަތުމަށް 350-415 އެއްހާ ޑޮލަރު ޚަރަދު ކުރި ކަމަށްވެއެވެ. ކަން މިހެން އޮތްއިރު، ފަރަންސޭސި ޕްރޮސެކިއުޓަރުން ދަނީ، ޓީޗަރު ދެނެގަތުމަށް ޗެޗްނިޔާ ކުއްޖާއަށް އެހީތެރިވި 2 ދަރިވަރުންނާ ދެކޮޅަށްވެސް ދައުވާ ކުރަމުންނެވެ.
ޗެޗްނިޔާއަށް ނިސްބަތްވާ 18 އަހަރުގެ ކުއްޖާއަށް ޓީޗަރު ފާހަގަވީ ދަރިވަރުން ކިޔައިދިނުމުން ކަމަށާ، ޗެޗްނިޔާ ކުއްޖާއާއިއެކު ދަރިވަރުން ގާތްގަނޑަކަށް 2 ގަޑިއެއްހާރިއު ހޭދަކުރި ކަމަށްވެސް ފަރަންސޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
މި މައްސަލާގައި ޖުމުލަ 7 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. އޭގެ ތެރޭގައި ބެލެނިވެރިއަކުވެސް ހިމެނެއެވެ. އެ ބެލެނިވެރިޔާއަކީ ކީރިތި ރަސޫލާ صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ އަށް ފުރައްސާރަކޮށް، ކުރަހާފައިވާ ކާޓޫންތަކެއް ހިއްސާކުރި ޓީޗަރާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފެށި މީހެއް ކަމަށް ޚަބަރުލިބެއެވެ.
ކާޓޫންތައް ދޫކޮށްނުލާނެ ކަމަށް ފަރަންސޭސިވިލާތުން އިންޒާރު ކޮށްފައި ވާއިރު، މެކަގޯންވަނީ، ފަރަންސޭސިވިލާތުގައި އާންމު ރައްޔިތަކަށް ދޭ އެންމެ މަތީ އެވޯޑްވެސް، ޓީޗަރަށް ދީފައެވެ. ޓީޗަރަށް މި އެވޯޑް "ދިނުމަށް" ފަހު މެކަގޯން ވަނީ އިސްލާމުން އުޅެނީ ފަރަންސޭސިންގެ ކުރިމަގު އަތުލަން ބޭނުން ވެގެން ކަމަށާ، ނަމަވެސް އެއީ ވާނެ ކަމަށް ނޫން ކަމަށް ބުނެފައެވެ.
ފަރަންސޭސިވިލާތުގެ ޕްރޮސެކިއުޓަރުން މި މައްސަލަ ބަލަމުން އަންނަނީ ޓެރަރިސްޓުން ހިންގި އަމަލެއްގެ ގޮތުގައެވެ.
ފަރަންސޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ޓީޗަރު މަރާލި ކަމުގެ ތުހުމަތު އަމާޒުވާ ޢަބްދުﷲ އަންޒަރޯފްގެ ގަޔަށް ބަޑިޖަހާ، މަރާލާފައެވެ.