ނަފުރަތު އުފެއްދަން މީހުންނާ ދެކޮޅަށް ކަމަށް ބުނެ ފަރަންސޭސިވިލާތުން ފަށާފައިވާ ވަރުގަދަ ކެމްޕޭނުގެ ތެރެއިން، ވެރިރަށް ޕެރިހުގެ ރަށް ބޭރުގައި ހިންގާ ބޮޑެތި މިސްކިތެއް ވަގުތީ ގޮތުން ބަންދު ކުރުމަށް ފަރަންސޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން އަމުރު ކޮށްފިއެވެ.

ގްރޭންޑް މޮސްކް އޮފް ޕެންޓިން ބަންދު ކުރުމަށް ފަރަންސޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން އަމުރު ކޮށްފައި މިވަނީ، ކީރިތި ރަސޫލާ މުޙައްމަދު ﷺ އަށް ފުރައްސާރަ ކޮށްފައިވާ ކާޓޫންތަކެއް ދަރިވަރުންނާ ހިއްސާކޮށް، އެކަމާ ބެހޭ މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ޓީޗަރެއްގެ ބޯ ބުރިކޮށް، މަރާލި ހާދިސާއާ ގުޅިގެން، މުސްލިމުންނާ ދެކޮޅަށް ފަރަންސޭސިވިލާތުން ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ބުނެވޭ ގޮތުގައި، މި މިސްކިތަކީ ކީރިތި ރަސޫލާ މުޙައްމަދު ﷺ އަށް ފުރައްސާރަ ކުރި ޓީޗަރާ ދެކޮޅަށް ފޭސްބުކްގައި ވީޑިއޯއެއް ޕޯސްޓުކުރި މިސްކިތެކެވެ. މިސްކިތް ބަންދުކޮށްފައި ވާ ކަމަށް ބުނާ ފުލުހުންގެ ނޯޓިސްތަކެއް، މިސްކިތުގެ ބޭރުގައި ހިއްޕާފައި ވާއިރު، ނަފުރަތުގެ މެސެޖު ފަތުރާ ފަރާތްތަކާ، ބައެއް ކަހަލަ ޚުތުބާ ދީ ވައުލުވިދާޅުވާ ފަރާތްތަކުގެ އިތުރުން، ފަރަންސޭސިވިލާތުގެ ސަލާމަތަށް ނުރައްކާ ކުރާ ބިދޭސީންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ ކަމުގެ އިންޒާރުވެސް އެ ގައުމުން ވަނީ ދީފައެވެ.

މިސްކިތް ބަންދުކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމުގެ ނިޔަތުގައި އެކަނި ކަމަށް ބުނެ، ފަރަންސޭސިވިލާތުން ދަނީ ދިފާއަށް ކުޅުމަށް މަސައްކަތް ކުރަމުންކަން ފާހަގަ ކުރަންޖެހެއެވެ. ކީރިތި ރަސޫލާ މުޙައްމަދު ﷺ އަށް ފުރައްސާރަކުރި ހިސްޓްރީ ޓީޗަރުގެ ކަރުބުރިކޮށްލައިގެން މަރާލުމުގެ ކުރިންވެސް ފަރަންސޭސިވިލާތުގެ ސަރުކާރުން ވަނީ މުސްލިމުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަން ފަށާފައެވެ. އެގޮތުން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި، ދަރިވަރުން ސްކޫލްތައް ހާޒިރުކޮށްގެން ކިޔަވައިދިނުން މަޑުޖައްސާލަފައި އޮތް ނަމަވެސް، މުސްލިމް ދަރިވަރުންނަށް ޕްރައިވެޓް ކުލާސްތައް ނުނެގޭ ގޮތް ވަނީ ހަދާފައެވެ.