މަސްރަހު ނުތަނަވަސް ވެފައިވާ އިންޑިއާއާއި ޗައިނާގެ ބޯޑަރު (ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް) އެލްއޭސީ ސަރަހައްދުން އިންޑިއާގެ ބެލުމުގެ ދަށަށް ގެންދިޔަ ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ)ގެ އަސްކަރީ މެމްބަރު، ޗައިނާއާ ހަވާލުކޮށްފިއެވެ.

ޕީއެލްއޭގެ އަސްކަރީ މެމްބަރު ޗައިނާއާ ހަވާލުކޮށްފައި ވަނީ ބޯޑަރު ސަރަހައްދުން ދެ ގައުމު ބައްދަލުކުރާ ކުޝޫލް މޯލްޑޯ ޕޮއިންޓްގައި، މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ޚަބަރު ލިބެއެވެ.

ޗައިނާގެ ދައުލަތުން ހިންގާ ގްލޯބަލް ޓައިމްސްގައި ބުނެފައިވަނީ، ޗައިނާގެ ސިފައިންގެ މީހާ އަނބުރާ ހަވާލު ކުރުމަށް އިންޑިއާއިން ނިންމި ކަމީ ހެޔޮ ފާލެއް ކަމަށެވެ.

މިދަނޑިވަޅަކީ ބޯޑަރު މައްސަލާގައި ނުތަނަވަސްވެފައިވާ މަސްރަހަށް ހަމަޖެހުން ގެނައުމުގެ މަގުސަދުގައި 8 ވަނަ ބުރުގެ މަޝްވަރާތަކަށް ވަގުތު ކުޑަތަންވެފައިވާ ދަނޑިވަޅެކެވެ.

ބޯޑަރުގެ އިންޑިއާއާއި ވީ ސަރަހައްދުން ހައްޔަރު ކުރި ޗައިނާގެ ސިފައިންގެ މީހާއަކީ، ބޯޑަރު ސަރަހައްދުގައި ގެއްލިގެން އުޅުނު މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. އިންޑިއާ އަސްކަރިއްޔާއިން ބުނީ، ގެއްލިގެން އުޅުނު ސިފައިންގެ މީހާއަށް ސިއްހީ އެހީތެރިކަމުގެ އިތުރުން ކާބޯތަކެތިވެސް ފޯރުކޮށްދީފައި ވާނެ ކަމަށެވެ.