ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުވާލި މައްސަލާގައި ލިޔެކިޔުންތައް ކުރީ ސަރުކާރުން ގެންގޮސްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު އިމްރާން ހާޒިރުވެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައިވާ އިރު، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ، ނޫސްވެރިޔާ ރިޟްވާން ގެއްލުވާލާފައިވާ މައްސަލާ ގުޅޭ ލިޔެކިޔުންތަކެއް، މޭޑޭ މުޒާހަރާގެ ތެރޭގައި މިނިސްޓަރު އިމްރާން ދެއްކެވި ކަމަށާ، އެ ލިޔެކިޔުންތައް މިހާރު ކޮބައިތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މޭޑޭ މުޒާހަރާ އާ ގުޅިގެން ކުރީގެ ސަރުކާރުގައި ހައްޔަރު ކުރި ކަމަށާއި އެ ލިޔެކިޔުންތައް ފުލުހުން އޭރު، ހައްޔަރު ކުރުމަށް ފަހު އަތުލާފައިވާ ކަމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ އެ ކަރުދާސް ތަކަށް ވީގޮތެއް ހޯދަން މިހާރު ޖެހޭނީ އިތުރު ތަހުގީގެއް ހިންގަން ކަމަށެވެ.

މޭޑޭގެ މައްސަލާގައި ތިބޭފުޅުންގެ ސަރުކާރުން އަޅުގަނޑު ބަންދުކުރި. އަދި ތިބޭފުޅުންގެ ސަރުކާރުން އަޅުގަނޑު އަތުގައި ހުރި ކަރުދާސްތައް ވަނީ ގެންގޮސްފަ. އެހެންވީމަ އޭރުގެ ފުލުހުންގެ ތެރެއިން އެގެންދިޔަ ބައެއްގެ އެއްޗެހި ވާންވާނެ. ދެން އަޅުގަނޑު ޖެހޭނީ އަލުން ތަހުގީގެއްފަށަން. އެއިރުން ކޮންފުލުހުނެއްތޯ އަޅުގަޑު ހައްޔަރުކުރަން އައީ ކޮންބައެއްތޯ އެ ގެންދިޔައީ ޖެހޭނީ ތަހުގީގެއް ހިންގަން. ދެން އަޅުގަނޑަށް އެ ތަހްގީގާއި ހަމައަށް ދެވޭވަރެއް ނުވޭ. އެއަށްވުރެ މާގިނަ ތަހުގީގްތައްވެސް މިހާރު ކުރަން އެބަޖެހޭ. އެމްއެމްޕީއާރުސީގެ ތެޜޭގައިވެސް ވަރަށް ގިނަ ތަހުގީގްތައްވެސް އެބަހުރި. އެހެންވީމަ އެތަހުގީގާއި ހަމައަށްވެސް ގެންދެވޭނެ.
އިމްރާން އަބްދުﷲ

މޭޑޭގެ މުޒާހަރާގައި އިމްރާން ހައްޔަރު ކުރުމަށް ފަހު ޓެރަރިޒަމްގެ ދައުވާ އުފުލާ 12 އަހަރަށް ޖަލަށް ލުމަށް އޭރު ހުކުމް ކުރި އެވެ. އެހެން ނަމަވެސް ފަހުން އިސްތިއުނާފު މަރުހަލާގައި ސުޕްރީމް ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް އިމްރާން މިނިވަން ކޮށްފައެވެ