ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލާގައި، ސައުދީ އަރަބިއްޔާގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް) އާ ދެކޮޅަށް، އެމެރިކާގެ ކޯޓެއްގައި ދައުވާ އުފުލައިފިއެވެ.

ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓު ތެރޭގައި އިހާނެތި ގޮތަކަށް ގަތުލުކޮށް ހަށިގަނޑު ގެއްލުވާލާފައިވާ ޚަޝޯގީ އެންމެ ފަހުން ވަޒީފާ އަދަކުރަމުންދިޔަ އެމެރިކާގައި އެމްބީއެސްއާ ދެކޮޅަށް ދައުވާ އުފުލީ، ޚަޝޯގީ މަރާލިއިރު އޭނާއާ ކައިވެނި ކުރަން ތައްޔާރުވަމުން ދިޔަ ތުރުކީވިލާތުގެ ޚަދީޖާ ޖެންގީޒް އިސްކޮށް ހުރެއެވެ.

މި ދައުވާ ހުށަހެޅުމުގައި، ޚަޝޯގީ މަރާލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާ އުފެއްދި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ގުރޫޕެއްވެސް ޚަދީޖާއާއި ބައިވެރިވެއެވެ.

ވޮޝިންގްޓަން ޑީސީ ޑިސްޓްރިކްޓް ކޯޓަށް ހުށަހަޅާފައިވާ ދައުވާ، އެމްބީއެސްގެ އިތުރުން، ސައުދީގެ އިސް އޮފިޝަލުންތަކަކަށް އަމާޒުވެއެވެ. މި ލިސްޓުގައި ހިމެނޭ ސައުދީ އޮފިޝަލުންގެ އަދަދު 24 އަށްވުރެ މައްޗަށް އަރައެވެ. މި ދައުވާއަކީ، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހިންގި ޖަރީމާގެ ބަދަލު ހޯދުމަށް ކުރާ ދައުވާއެއް ކަމަށް މައުލޫމާތު ލިބެއެވެ.

ދައުވާގައި ބުނެފައިވަނީ، ޚަޝޯގީއަކީ ސައުދީގެ ވެރިރަށް ރިޔާދުގައި ހުންނަ އެމެރިކާގެ އެމްބަސީ ތެރޭގައި ހިނގާދިޔަ ހަމަނުޖެހުންތަކެއްގެ ޝިކާރައަކަށްވި މީހެއް ކަމަށެވެ. މި އެމްބަސީއަށް ޚަޝޯގީ ދިޔައީ، ޚަދީޖާއާއި ކައިވެނި ކުރުމަށްޓަކައި ހަމަޖައްސަންޖެހޭ ލިޔެކިއުންތަކެއް ހަމަޖެއްސުމަށެވެ. އެގޮތުން ޚަޝޯގީ މަރާލައިގެން ތާ އަބަދަކަށް އޭނާ ހިމޭން ކޮށްލުމަށް ރާވާ، ނިންމީ، 2018 ވަނަ އަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރުގައި ކަމަށާ، އެކަމުގައި ޝާމިލުވީ އެމްބީއެސްއާއި (ދައުވާގައި ބަޔާންކޮށްފައިވާ) ސައުދީގެ އޮފިޝަލުން ކަމަށް މި ދައުވާ ބުނެއެވެ.

ޚަޝޯގީ މަރާލުމަށް ރޭވީ، ޑިމޮކްރަސީ ފޮ އަރަބް ވޯލްޑް ނައު (ޑޯން)ގެ ނަމުގައި ޚަޝޯގީ އުފެއްދި ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާ ބޭނުންކޮށްގެން، އިންސާނީ ހައްގުތައް ޕްރޮމޯޓްކޮށް، ޑިމޮކްރަޓިކް އިސްލާހީ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރާކަން އެނގުނު ހިސާބުން ކަމަށް ދައުވާގެ ބަޔާނުގައިވެއެވެ. މިހާ ހިސާބުން ޚަޝޯގީ މަރާލުމަށް އެމްބީއެސްއާއި ސައުދީގެ އޮފިޝަލުން ފުރުސަތެއް އުފެއްދި ކަމަށާ، އެކަން ކުރީ، ވޮޝިންގްޓަން އެމްބަސީއިން ޚަޝޯގީއަށް ލިޔެކިއުންތައް ހަމަޖައްސާ ނުދޭ ގޮތް ހަދާ، ތުރުކީވިލާތުގައި ހުންނަ ސައުދީގެ ކޮންސިއުލޭޓަށް ދާންޖެހޭ ގޮތަށް މަޖުބޫރުކުރުވައިގެން ކަމަށްވެސް ދައުވާގައިވެއެވެ.

މިއީ އެމެރިކާގައި ޚަޝޯގީ ހިންގަމުންދިޔަ ސިޔާސީ ހަރަކާތްތަކަށް އަސަރު ފޯރުވުމުގެ ގަސްތުގައި ކުރި ކަމެއް ކަމަށާ، ނުބައި މިސްރާބަކަށް ޚަޝޯގީގެ ރާސްތާ އަނބުރާލުމުގެ ރޭވުންތައް ރޭވިގެން ދިޔައީ އެމެރިކާގައި ކަމަށް ދައުވާގައި ބުނެފައި ވެއެވެ.

އެމެރިކާގެ އަރިސް، ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް، މިނިވަންކަމާއެކު އެމެރިކާގެ ނޫހެއްގައި ލިޔުންތައް ޝާއިއު ކުރަމުން ދިޔަ ކުޅަދާނަ ނޫސްވެރިޔާ މަރާލުމުގައި، އެމްބީއެސްގެ އަތެއް ނުވާ ކަމަށް ސައުދީއިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. މިމައްސަލާގައި ދައުވާ ލިބޭ ބައެއްގެ މައްޗަށް ސިއްރިއްޔާތުގައި ޝަރިޔަތް ހިންގާ، އެމީހުން މަރަން ހުކުމްވެސް ކޮށްފައިވެއެވެ. ނަމަވެސް، އެއީވެސް މައްސަލައިގެ ހަގީގަތް ފޮރުވުމަށް ސައުދީއިން ކުޅޭ ކުޅިއެއް ކަމަށް ޚަޝޯގީގެ ސަޕޯޓަރުން ބުނެއެވެ.