އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް އާ ހިލާފަށްނަމަވެސް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެހެން ވިދާޅުވެފައިވަނީ އެމްޑީޕީ ޕީޖީގެ ވަޓްސްއަޕް ގުރޫޕުގައި ދިޔަ ހޫނު ބަހުސްގެ ތެރެއިންނެވެ. އެގޮތުން ރައީސް ނަޝީދު ވަނީ ޕާޓީގެ ވިޕްލައިނުން ބޭރުންވެސް އަމީން މަގާމުން ވަކިކުރަން ވޯޓު ލާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލާގައި ފިޔަވަޅު އަޅާ ކޮމިޓީން އޭނާ އާމެދު އަޅާ ފިޔަވަޅު ގަބޫލު ކުރާނަ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ވެންޓިލޭޓަރުގެ ކޮރަޕްޝަނާ ގުޅިގެން އަމީން މަގާމުން ވަކިކުރުމަށް އިތުބާރު އޮތްތޯ ބެލުމަށް އެމްޑީޕީގެ ޕީޖީން މިއަދު ބޭއްވި ބައްދަލުވުމުގައި ނެގި ވޯޓުން، އޭނާ މަގާމުން ވަކިކުރަން ފާހެއް ނުވިއެވެ.
މިއަދު އެ ޕާޓީގެ ޕީޖީ ގްރޫޕުގައި ކުރިއަށް ދިޔަ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 24 މެންބަރުން ވޯޓު ދެއްވާފައި ވަނީ މިނިސްޓަރު އަމީންގެ އިތުބާރު އޮތް ކަމަށެވެ. އަދި 27 މެންބަރުން ވޯޓު ދެއްވާފައި ވަނީ މިނިސްޓަރު އަމީންގެ އިތުބާރު ނެތް ކަމަށެވެ.
އެހެން ނަމަވެސް، އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ހިމެނޭ 24 މެމްބަރުން ސޮއިކުރެއްވާ މިހާރު ވަނީ މިނިސްޓަރު އަމީންގެ މައްޗަށް އިތުބާރު ނެތް ކަމަށް ފެންނަ މައްސަލަ މަޖިލީހަށް ވައްދާފައެވެ.
އަމީންއާ ދެކޮޅަށް މަޖިލީހަށް މައްސަލަ ވައްދަން ރުހުން ދިން އެމްޑީޕީ މެމްބަރުންގެ ލިސްޓު މިހާރު ސޯޝަލް މީޑިއާ ދައުރުވަމުންދާ އިރު މީގެ ތެރޭގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަދި ނަޢިބު ރައީސް އީވާ އަބްދުﷲ ވެސް ހިމެނިވަޑައިގަންނަވައެވެ.