ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހިނގި ފެންބޮޑުވުމާއި ބިންގަނޑުކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ވިއެޓްނާމުން މަރުވި މީހުންގެ އަދަދު 105 އަށް އަރާފައި ވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ރޮއިޓާޒްއާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، މަރުވި މީހުންގެ 3 ބައިކުޅަ 1 ބައި ހިއްސާކުރަނީ އަސްކަރީ ސިފައިންނެވެ. މިހާ ގިނަ އަދަދެއްގެ ސިފައިން މަރުވެފައި ވަނީ، އެމީހުން ދިރިއުޅެމުންދިޔަ ބެރަކުތައް ޗަކައިގެ ދަށުވެގެންނެވެ.

މަރުވި މީހުންގެ އަދަދު 100 އަށްވުރެ މައްޗަށް އަރާފައި ވާއިރު، 27 މީހަކަށް ވީނުވީއެއް އަދިވެސް ނޭނގެއެވެ. މީގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތުގައި ހަރަކާތްތެރިވި 15 މީހަކު ހިމެނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ވިއްސާރައިގެ ސަބަބުން، 5 މިލިއަނެއްހާ މީހުން ވަނީ ހާލުގައިޖެހިފައެވެ. ވިއްސާރައިގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި 178000 އެއްހާ ގެ ފެނު އަޑިއަށް ގޮސްފައި ވާއިރު، 7000 ހެކްޓަރުގެ ދަނޑުބިމަށްވެސް ގެއްލުންތަކެއް ވެފައި ވާ ކަމަށް ޚަބަރު ލިބެއެވެ. އަދި 690000 އެއްހާ ނާމްސޫފިވެސް ބޮޑުވި ފެންގަނޑުގައި އޮޔާ ގެންގޮސް، ނުވަތަ މަރުވެފައި ވާކަމަށްވެސް ޚަބަރު ލިބެއެވެ.

އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް (އައިއެފްއާރްސީ) އިސް އޮފިޝަލެއް ކަމަށްވާ ކްރިސްޓޮފާ ރާސީ ވިދާޅުވީ މި ވިއްސާރައާއެކު އެތައް މިލިއަން ބަޔަކު އިންތިހާ ފަގީރު ކަމުގެ ތުންފަތް މައްޗަށް ވައްޓާލާނެ ކަމަށެވެ.

ކަންމިހެން އޮތްއިރު، ވިއެޓްނާމަށް އިތުރު ތޫފާނެއް އަރާފާނެ ކަމުގެ އިންޒާރުވެސް މިހާރު ވަނީ ދީފައެވެ. އެގޮތުން، އަންނަ ހޮނިހިރު ދުވަހު މި ތޫފާން، ވިއެޓްނާމަށް އެރުން އެކަށީގެންވާކަމަށް ވަނީ ލަފާކޮށްފައެވެ.