ޖައްވީ އުޅަނދެއް ބޭނުން ކޮށްގެން ގިނިހިލައަކުން ސާމްޕަލް ނެގުމަށް އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން އަމާޒު ހިފައިފިއެވެ.

އެސްޓްރޮއިޑް ބެއްނޫގެ ނަން ދީފައިވާ 500 މީޓަރު ފުޅާ ގިނިހިލައިން ސާމްޕަލް ނަގެމުއްޓަކައި، އެ ގިނިހިލައަށް ޖައްސާނީ، އޯސިރިސް-ރެކްސްގެ ނަން ދީފައިވާ ޖައްވީ އުޅަނދެވެ. މި ކަމަށް ހިނގާނީ މަދު ސިކުންތު ކޮޅެއް ކަމުން، މިއީ ގިނިހިލައަކަށް "ޓަޗެއް ދިނުން" ފަދަ ކަމެއްގެ ގޮތުގައި ދަނީ ސިފަކުރަމުންނެވެ.

ސައެންސްވެރިން އަމާޒު ހިފާފައިވަނީ ގިނިހިލައިން އެންމެ މަދުވެގެން 60 ގުރާމްގެ ސާމަޕްލަން ނަގައިގެން ދުނިޔެއާއި ހިސާބަށް ގެނައުމަށެވެ. ނަމަވެސް 1 ކިލޯ ނުވަތަ އެއަށްވުރެވެސް ގިނައިން ސާމްޕަލް ނެގޭނެ ކަމުގެ އިތުބާރު ނާސާއަށް އެބައޮތް ކަމަށް ބުނެވެއެވެ.

މިކަން ކާމިޔާބު ވެއްޖެނަމަ، މި އޮޕަރޭޝަން ވެގެންދާނީ، މީގެ ބައި ގުރުނު ކުރިން އެޕޯލޯ އެސްޓްރޮނޯޓުން ހަނދުން ސާމްޕަލް ގެނައި ފަހުން، ޖައްވު ތެރެއިން ދުނިޔެއަށް މިފަދަ ގޮތަކަށް އެތެރެ ކުރާ އެންމެ ބޮޑު ޝިޕްމަންޓް އެތެރެ ކުރާ އޮޕަރޭޝަނަށެވެ.

ޖައްވީ އުޅަނދުން ގިނިހިލާގައި ޖައްސާ، ސާމްޕަލް ނަގާނެ ކަމަށް ލަފާ ކުރެވެނީ ބުދަ ދުވަހުގެ ރޭ، ޖީއެމްޓީ ގަޑިން 22:15 ގައެވެ. އޭރު، ގިނިހިލައާއި ޖައްވީ އުޅަނދުވެސް އޮންނަނީ ދުނިޔެއާއި ގާތްގަނޑަށް 330 މިލިއަން ކިލޯމީޓަރު ދުރުގައި ކަމަށް ބެލެވެއެވެ.

ގިނިހިލައިން ސާމްޕަލް ނެގުމުގެ މަރުހަލާއަކީ އޮޓޮމެޓިކް މަރުހަލާއެކެވެ. ކޮންޓްރޯލަރުންގެ އިރުޝާދަށް ޖައްވީ އުޅަނދު ހަރަކާތް ކުރުވުމަކީ ޖައްވު ތެރޭގައި މާ ފަސޭހަ ކަމެއް ނޫނެވެ. ޖައްވު ތެރޭގައި ރޭޑިއޯ ސިގުނަލް ފޯރަން 18 ވަރަކަށް މިނެޓް ހޭދަވެއެވެ.

ކުޑަކުދިން ގުޅެން ގެންގުޅޭ ބުމަރެއްގެ ބައްޓަމަށް އޮންނަ އެސްޓްރޮއިޑް ބެއްނޫއަކީ އާދަޔާ ހިލާފު ގިނިހިލައެއް ކަމަށް ސައެންސްގެ ދުނިޔެ ބުނެއެވެ.

މި ގިނިހިލާގައި ޖައްވީ އުޅަނދު ޖައްސާ، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސާމްޕަލް އެއްކުރުމަށް ހިސާބުކިތާބު ޖަހަމުން އަންނަތާ މިހާރު އެތައް މަހެއް ވަނީ ފާއިތުވެފައެވެ.