މިއީ ބައިނަލްއަގުވާމީ ފެންވަރުގައި "ދުނިޔޭގެ ތަފާސް ހިސާބުތަކުގެ ދުވަސް" ފާހަގަ ކުރާ 3 ވަނަ ފަހަރެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ތަފާސް ހިސާބުތަކަށް ހާއްސަ ދުވަހެއް ފާހަގަ ކުރަން ފަށާފައި ވަނީ 2010 ވަނަ އަހަރުއެވެ.

މި ދުވަހަކީ ކޮންމެ 5 އަހަރަކުން 1 އަހަރު ފާހަގަ ކުރާ ދުވަހަކަށް ވާއިރު، މި ފަހަރުގެ މުނާސަބާ އާ ކުރިމަތިލާން ޖެހިފައި މިވަނީ ޓެކްނޮލޮޖީގެ ލުއި ފަސޭހަކަން އިނގިލީގެ އެންމެ ކުރިއަށްވެސް ފޯރާފައިވުމާއެކު، ފެންމަތިވި ދޮގު މައުލޫމާތާއި އިތުބާރެއް ނެތް ތަފާސް ހިސާބުތަކުގެ އެއޮވަރެއްގެ ތެރޭގައެވެ.

21 ވަނަ ޓެކްނޮލޮޖީ ރޭހުގައި ތަފާސް ހިސާބުތައް އެކުލަވާލުމަށް އިންސާނީ ހަލޯރާތުން އެކި ކުރިއެރުންތައް ހޯދާފައިވާއިރު، ސޯޝަލް މީޑިއާއާއި އޮންލައިން ޑޭޓާ ޕޯޓަލްތައް ހިމެނެއެވެ. މައުލޫމާތު ހޯދާ، އެއްކުރާނެ މީޑިއަމްތައް އިންތިހާއަށް ފުޅާވެ، ހިޔާރު ކުރާނެ އެތައް ފުރުސަތެއް ވަނީ ތަނަވަސްވެފައެވެ. ކަން މިހެން އޮތްއިރު، އިތުބާރު ނުހިފޭ، ސައްހަކަމާއި އިތުބާރު ގެއްލިފައިވާ އެތައް މައުލޫމާތެއްގެ ރާޅިބާނިތަކުން އަރައިގަނެވޭނެ ދުވަހެއް ދަންނަވާކަށް ނޭނގެއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ފުރުސަތުތައް ތަނަވަސްވަމުން އަންނަ ވަރަކަށް، ސައްހަ ނޫން މައުލޫމާތު ފެތުރުމާއި އަމިއްލައަށް ފަރުމާ ކުރާ ތަފާސް ހިސާބުތަކަކީ ސައްހަ މައުލޫމާތުގެ ގޮތުގައި ފޯރުކޮށްދޭ ޒަމާން މިވަނީ އައިސްފައެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ތަފާސް ހިސާބުތަކުގެ ދުވަހެއް ފާހަގަ ކުރުމަށް އދއިން ކަނޑައެޅި އެންމެ މުހިންމު އެއް މަގުސަދަކީވެސް، މިފަދަ ތޫފާނަކުން ސަލާމަތްވުމެވެ.

އދގެ ތަފާސް ހިސާބުތަކާ ބެހޭ ޑިވިޝަންއާއި އިގުތިސޯދީ ހަރަކާތްތަކާ ބެހޭ އިދާރާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ތަފާސް ހިސާބުތަކުގެ ދުވަހެއް ފާހަގަ ކުރަމުންދަނީ، އިތުބާރު ހިފޭ ސައްހަ މައުލޫމާތަށް މުޖުތަމައުތައް އަހުލުވެރި ކުރުވުމުގެ މަގުސަދުގައެވެ. ދުނިޔޭގެ ތަފާސް ހިސާބުތަކުގެ ދުވަހުގެ މިއަހަރުގެ ޝިއާރެއް ކަމުގައި ކަނޑައަޅާފައިވަނީ، "އިތުބާރު ހިފޭ މައުލޫމާތުން ދުނިޔެ ގުޅާލުން" މި ޝިއާރެވެ. ދޮގު މައުލޫމާތުގެ ޒަމާނެއްގައި ސުލްހަ އޮތީ އިތުބާރު ހިފޭ ތަފާސް ހިސާބުތަކަކުން ކަން އދއިން ފާހަގަކުރެއެވެ.