އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދޭދޭ ގައުމުގެ މެދުގައި އޮތް އިސްތިރާޖީ މަސްލަހަތުގެ ރަމްޒެއްގެ ގޮތުގައި، އިންޑިއާއާއި ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާގެ ގުޅިފައިވާ ތަމްރީނުތަކެއް މިއަދު ފަށަން ހަމަޖެހިފައި ވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

އޭޝިއާ ސަރަހައްދުގެ ސުޕާޕަވަރުގެ މަގާމުގައި އޮތް ޗައިނާއާއި ލަންކާއާއި ދެމެދު ބަދަހި މުއާމަލާތްތަކެއް ހިންގާފައިވާ މި ދަނޑިވަޅުގައި، ޗައިނާގެ ޒަމާންވީ އަދުއްވު، އަދި ސަރަހައްދީ ބާރުވެރިކަން ހޯދުމަށް ފައިވިއްދައިގެން އޮތް އިންޑިއާގެ ކަނޑުގެ އަސްކަރީ ފައުޖުތަކުގެ ގުޅިފައިވާ ތަމްރީނުތަކެއް މިއަދު ފަށަނީ، އިންޑިއާ ކަނޑުގެ ސަރަހައްދުގެ އޮޕަރޭޝަންތަކުގައި ދޭދޭ ގައުމުތަކުގެ ގުޅިލާމެހުން ދައްކުވާ ދިނުމަށް ކަމަށް އިންޑިއާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ސްލިނެކްސް ގެ ނަމުގައި ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ މި ތަމްރީނުތައް 3 ދުވަހަށް ދެމިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ. މިއީ މި ސިލްސިލާގެ 8 ވަނަ ބުރެވެ. މި ފަހަރުގެ ތަމްރީނުތަކުގައިވެސް އެންމެ ޒަމާނީ އަސްކަރީ ހަތިޔާރުތައް ޓެސްޓު ކުރާނެ ކަމަށް ޚަބަރު ލިބެއެވެ. އެއްގަމާއި، ކަނޑާއި ވައިގެ ހަމަލާ ދިނުމަށް ބޭނުން ކުރާ އާލާތްތަކެއް މި ތަމްރީނުތަކުގައި ބޭނުން ކުރާއިރު، ބޯޑަރު ސަރަހައްދު ޕެޓްރޯލް ކުރުމަށް އިންޑިއާއިން އޮޕަރޭޓްކުރާ އެންމެ ޒަމާނީ ހެލިކޮޕްޓަރުތައްވެސް މި ތަމްރީނުތަކުގައި ބޭނުން ކުރާނެ ކަމަށް ޚަބަރު ލިބެއެވެ.

ސްރީލަންކާއާއި އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާގެ ގުޅިފައިވާ ތަމްރީނުތަކުގެ ސިލްސިލާއެއް އެންމެ ފަހުން ކުރިއަށް ގެންދިޔައީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ކަން މިހެން އޮތްއިރު، އިންޑިއާއިން ދާދި ފަހުންވެސް ވަނީ ޖަޕާނުގެ ކަނޑުގެ އަސްކަރިއްޔާއާއިއެކު އިންޑިއާ ކަނޑުގެ ސަރަހައްދުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެން ގޮސްފައެވެ. އަދި އޮސްޓްރޭލިއާއާއެކުވެސް މިފަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި ވާއިރު، އިންޑިއާ ކަނޑުގެ އެކި ހިސާބުތަކަށް އިންޑިއާގެ ކަނޑާއި ވައިގެ އަސްކަރީ ފްލީޓުގެ ފައުޖުތައް ރުކުރުވާލާފައި ވާ ކަން ފާހަގަކުރަންޖެހެއެވެ.