ކަނޑުމަގުން ރާއްޖެއަށް އެތެރެ ކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހއ. ހޯރަފުށި/ ވައިލެޓް ވިލާ، އަހުމަދު މޫސާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ އަހުމަދު މޫސާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަސް އިތުރުކޮށްދީފައިވާ ކަމަށެވެ.

އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރު ކުރި 7 މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ދެން ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.

މިތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް ތިބި ފަރާތް ތަކަކީ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި އަހްމަދު މޫސާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

އެ އެޕްރޭޝަން ހިންގި ގޮތް ހާމަ ކުރަމުން ފުލުހުން ބުނީ ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކޮށްފައި ވާއިރު، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި މިހާތަނަށް ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއްވެސް ބަލައި ފާސްކޮށްފައި ވާކަމަށްވެސް ބުނެއެވެ.

އެ އޮޕަރޭޝަނުގައި މިހާތަނަށް ވަގުތީ ބަރުދަނުގައި 130 ކިލޯހުރި މަސްތުވާތަކެތި ހޯދިފައި ވާ ކަމަށާއި، އެ ތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނޭ ކަމަށް ފުލުުހުން ބުނެއެވެ.