ކުދި ވިޔަފާރިތަކަށް އެހީވުމަށް 'ވީކެންޑް މާކެޓް' އެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ޕީއެސްއެމް އިން ގެނެސްދޭ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވަހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔާ ސިފާ މުހައްމަދު ވިދާޅުވީ، ކޮވިޑް-10 ގެ ސަބަބުން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ ގިނަ ބަޔަކަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެފަދަ ފަރާތްތަކަށް ފަސޭހައިން އާމްދަނީ ލިބޭނެ މަގެއް ފަހިކޮށްދިނުމަށް މާލޭގައި "ވީކެންޑް މާކެޓް"ގެ ނަމުގައި ވިޔަފާރި މާކެޓެއް ބޭއްވުމަށް ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށް ސިފާ ވަނީ ވިދާޅުވެފައެވެ. އަދި އެކަމާއި ގުޅޭ ތައްޔާރިތައް މިހާރު ފަށާފައިވާކަމަށް ކަމަށް ސިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ އެ މާކެޓް ހާއްސަ ކުރަނީ އަންހެނުންނާއި ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ކުދި ވިޔަފާރި ކުރާ ވިޔަފާރިވެރިންނަށް ކަމަށެވެ.

އެގޮތުން، މާކެޓު ހުޅުވުމުގެ ކުރިން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން އެޗްޕީއޭއާ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި މާކެޓާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދަން ހުޅުވާލާނެ ކަމަށް ވެސް ސިފާ ވަނީ ވިދާޅުވެފައެވެ.

މާލޭ އިތުރުން ވިލިމާލޭގައި ވެސް ކުދި ވިޔަފާރިތައް ކުރާ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މޭޔާ ސިފާ ވަނީ ވިދާޅުވެފައެވެ.