ކުރިއަށް އޮތް މަސްތަކުގައި ބޭރު ގައުމުތަކަށް ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ ހަރަކާތް ރޭވިފައިވާ ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓާ ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

ތޮއްޔިބު އެހެން ވިދާޅުވެފައި ވަނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްއިޒެސް (އެސްއޯއީ) ކޮމިޓީގައި، ރާއްޖޭގެ ފަތުރުވެރިކަން ފުޅާ ކުރުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތައް ހިއްސާ ކުރައްވަމުންނެވެ.

އެގޮތުން ތޮއްޔިބު ވިދާޅުވީ މިއަހަރު ފެށުނީއްސުރެ، ރާއްޖެ އިޝްތިހާރު ކުރުމަށް ބޮޑެތި ކެމްޕޭންތައް ކުރިއަށް ގެންދެވުނު ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މަސައްކަތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

ތޮއްޔިބު ވިދާޅުވި ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް އެކި ނަންނަމުގައި ކެމްޕޭންތައް ކުރިއަށް ގެންގޮސްފައި ވެއެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 129 ހަރަކާތެއް ހިންގިފައިވާ ކަމަށް ތޮއްޔިބު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އޭގެ ތެރެއިން 90 ޕަސެންޓު ހަރަކާތްތައް ހިންގާފައި ވަނީ ކޮވިޑު ރާއްޖެއިން ފެނުނު ފަހުން ކަމަށް ވެސް ތޮއްޔިބު ވިދާޅުވިއެވެ.

ތޮއްޔިބު ވިދާޅުވި ގޮތުގައި މިމަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް 61 ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލާފައި ވަނީ މިދިޔަ ޖުލައި 15 ގައެވެ.